ސްރީލަންކާގައި އުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޢުމަރު ޢަބްދުލްރައްޒާޤު ވިދާޅުވެއްޖެއެވެ.

މިގޮތަށް އޭނާ ވިދާޅުވެފައި މިވަނީ، ނާއިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ޢުމަރު ޢަބްދުއްރައްޒާޤު ވިދާޅުވީ، ރާއްޖެއާއި ސްރީލަންކާއާއި ދެމެދުގައިވާ ގުޅުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނެ ކަމަށެވެ.

އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށާއި، ޚާއްޞަކޮށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މީގެއިތުރުންވެސް ދިވެހީން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމާއި، އަދި ރާއްޖެއާއި ލަންކާއާއި ދެމެދުއޮތް ސިޔާސީ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ސަފީރު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގެ ތެރެއިން ނައިބްރައިސް ފައިސަލް ނަސީމް އާއި ސްރީލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމަށް ފައިދާވާނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު