ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަރީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ، ކޮންމެ އަހަރެއްގެވެސް ޖެނުއަރީ 20 ވަނަ ދުވަހުގެ ކުރިން ، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން ހުށަހަޅަންޖެހޭ ، އެ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލީ ރިޕޯޓު، 54 ކައުންސިލަކުން މިހާތަނަށް އައިއިރުވެސް ހުށަހަޅާފައިނުވާ ކަމަށް އެލް.ޖީ.އޭ އިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތައް" މަޢުލޫމާތު ދެއްވަމުން، އެ އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ އިޞްމާޢީލް ރަޝީދު ވިދާޅުވީ، މިހާތަނަށް އައިއިރު ރިޕޯޓު ހުށަހަޅާފައިވަނީ 3 ސިޓީ ކައުންސިލުންނާއި، 17 އަތޮޅު ކައުންސިލުންނާއި އަދި 126 ރަށު ކައުންސިލުން ކަމަށެވެ. އަދި ބާކީ ހުރި ކައުންސިލުންތަކަށް ވީ އެންމެ އަވަހަކަށް ރިޕޯޓު ހުށަހެޅުމަށް ވާނީ އަންގާފަކަމަށްވެސް އިޞްމާޢީލް ވިދާޅުވިއެވެ.

" ސިޓީ ކައުންސިލް ތަކާ، އަތޮޅު ކައުންސިލް ތަކާ، ރަށު ކައުންސިލް ތަކާ އެކު ޖުމްލަ 200 ކައުންސިލް މި ހިމެނެނީ. އޭގެ ތެރެއިން 54 ކައުންސިލުން އަދި ރިޕޯޓު ހުށަހެއްނާޅާ. އެކިއެކި ވަޞީލަތް މެދުވެރިކޮށް އެ ފަރާތްތަކަށްވެސް ވާނީ އަންގާފަ ރިޕޯޓު ހުށަހެޅުން ލަސް ނުކުރަން." އިޞްމާޢީލް ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން އިޞްމާޢީލް ވިދާޅުވީ، ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތުގެ އެއް މަސްދުވަސް ކުރިން އެސް.އެމް.އެސް ޒަރިއްޔާއިންނާއި ވައިބާގެ ޒަރިއްޔާއިންވެސް ހުރިހާ ކައުންސިލުތަކަށް އެކަން އަންގާފައިވާނެ ކަމަށާއި، އަދި ޤާނޫނުން ލާޒިމުކޮށްފައިވާ ،ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހަކު ބާއްވަންޖެހޭ ރައްޔިތުންގެ އާއްމު ބައްދަލުވުން ބާއްވަންވެސް މިހާރު އަންގާފައިވާނެ ކަމަށެވެ.

ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގަން ފަށާފައިވަނީ ރައީސް ނަޝީދުވެ ވެރިކަމުގައެވެ. އަދި މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހުވެސް ވެރިކަމަށް ވަޑައިގެންނެވީ ކައުންސިލްތަކަށް ހަޤީޤީ ބާރުވެރިކަން ދޭނެ ކަމުގެ ވަޢުދާއި އެކުއެވެ. ނަމަވެސް ކައުންސިލުތަކަށް އެ ބާރު ލިބި، ރައްޔިތިންގެ ލާބައާއި މަންފާއަށް މަސައްކަތްތަކެއް ކުރެވިގެންދާ ތަނެއް އަދި ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު