އިމާރަތް ކުރުމުގެ ހެލްތް އެންޑް ސޭފްޓީ ގަވާއިދު މާދަމާ ގެޒެޓް ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ސްޓެލްކޯގެ ޓްރެއިނިންގް ރޫމްގައި ކުރިއަށްދާ އިމާރަތް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ޑްރާފްޓާ މެދު ހިޔާލު ހުށަހެޅުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އޭނާގެ މައްޗަށް ގާނޫނީ ގޮތުން ވެސް ލާޒިމު ކުރާ ކަންތަތަކެއް ވާކަމަށާއި އިމާރާތް ކުރުމުގެ ގާނޫނުގެ ހަދަންޖެހޭ ގަވާއިދުތައް ނަހަދާ އޮތުމުން އޭގެ ތެެރެއިން 13 ގަވާއިދެއް ހެދުމަށް ކޯޓުން އަމުރު ކޮށްފައި އޮތުމުން މާދަމާ އިމާރަތް ކުރުމުގެ ހެލްތް އެންޑް ސޭފްޓީ ގަވާއިދު ގެޒެޓް ކުރައްވާނެ ކަމަށެވެ.

"ހެލްތް އެންޑް ސޭފްޓީ ގަވާއިދާ ގުޅޭގޮތުން ވެސް މައްސަލަތަކެއް ހުރި ކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑު އެދެނީ މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން އަޅުގަނޑާއި ގުޅިގެން މި ގަވާއިދަށް މިހާރުން މިހާރަށް ގެންނަން ޖެހޭ އިސްލާހެއް ގެނައުން" އަސްލަމް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިމަހު ސިވިލް ކޯޓުން އޮތީ އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނަހަދާ އޮތުމުން އޭގެ ތެެރެއިން 13 ގަވާއިދެއް ހެދުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. އޭގެ ތެރެއިން އިމާރަތް ކުރުމުގެ ސަލާމަތީ މިންގަނޑުތަކާ ބެހޭ ޤަވައިދު މި މަސް ނިމުމުގެ ކުރިން ހަދަން ޖެހޭއިރު، ދެން ހުރި ގަވާއިދުތައް ނިންމުމަށް އެކި މުއްދަތުތައް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ހައެއްކަ މަސްތެރޭވެސް 13 ގަވާއިދު ހަދާ ނިންމޭނެ ކަމަށް ނުވެލެވޭތީ ކޯޓުގައި މިމައްސަލަ އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.

މިއަދު ކުރިއަށްދާ މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަސްލަމްގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންނާއި އިމާރަތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނުވެރި ބޭފުޅުން ބައިވެރިވެއެވެ.

އިމާރާތް ކުރުމުގެ ދާއިރާގެ ޤަވައިދުތައް ހެދުމަށް ޚިޔާލު ހޯދުމަށް ކުރިއަށް ގެންދާ ބައްދަލުވުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އިމާރާތް ކުރުމުގެ ދާއިރާގެ ޤަވައިދުތައް ހެދުމަށް ޚިޔާލު ހޯދުމަށް ކުރިއަށް ގެންދާ ބައްދަލުވުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މާލޭގައި އިމާރާތްކުރަމުން އަންނަ ތަންތަނުގައި ސަލާމަތީ ކަންތައްތައް ހުރި ގޮތް ބެލުުމުގެ ހާއްސަ މަސައްކަތެއް ޕްލޭނިން މިނިސްޓްރީން ފެށީ ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭސްއަށް ނިސްބަތްވާ އަންހެން ކުއްޖަކު މަރުވުމާ ގުޅިގެންނެވެ.

ޑަބްލިޔު ކޮންސްޓްރަކްޝަންގެ ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެކުއްޖާ ނިޔާވެފައިވާއިރު އެ މައްސަލައިގައި މިހާތަނަށް އެއްވެސް ފަރާތަތަށް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.