އަންނަ މަހުގެ ފަހުކޮޅު ބޭއްވުމަށް ނިންމާފައިވާ ބިޒްނަސް ކޮންވެންޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީންކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އަންނަ ފެބްރުއަރީ މަހުގެ 26 އަދި 27 ގައި ބާއްވަން ނިންމާފައިވާ އެ ބިޒްނަސް ކޮންވެންޝަނަކީ ވިޔަފާރި ކުރުމުގައި ދިމާވާ ދަތިތައް ސަރުކާރާއި ހިއްސާކޮށް، އެކަންކަމަށް ހޯދިދާނެ ހައްލުތައް މަޝްވަރާކުރުމަށް ބާއްވާ ކޮންވެންޝަނެއް ކަމަށެވެ.

އެ ކޮންވެންޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ކޮންވެންޝަންގައި ދާއިރާތަކުން ވިޔަފާރިއާއި ބެހޭ ކަރުދާސް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތް ތަކަށް އެފުރުސަތު ހުޅުވާލެވިފައި ވާނެކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެ ކޮންވެންޝަންގައި ބައިވެރިވާން ބޭނުން ނަަމަ، ނަން، ދާއިމީ އެޑްރެސް، އަތޮޅާއި ރަށް، ވިޔަފާރި ކުރާ ފަރާތެއްނަމަ ވިޔަފާރި ނަން އަދި ފޯނު ނަންބަރު)، 6 ފެބްރުއަރީ 14.00ގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]އަށް ފޮނުއްވުން އެދެއެވެ.

ކޮންވެންޝަންގައި ބައިވެރިވުމަށް ޖާގަ ތަންދޭ މިންވަރަކުން ރަޖިސްޓްރީކޮށްދޭނެކަމަށްވެސް އިއުލާނުގައި ވެއެވެ. އަދި އެއަށް ރެޖިސްޓްރީވި ފަރާތްތަކަށް، 14 ފެބްރުއަރީގެ ކުރިން، އެކަން އެ މީހަކަށް ވަކިވަކިން އަންގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު