މިއަދަކީ ބައިނަލްއަގުވާމީ ކެންސަރު ދުވަހެވެ. މިއަދުގެ މުނާސަބަތާ ގުޅުވައިގެން ކެންސަރަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކިއެކި ކަންކޮޅުތަގައި ހާއްސަ ޕްރޮގްރާމްތައް ހިންގަމުންދާ އިރު، ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އެންމެ ބޮޑަށް އާމަޒުކޮށްފައި ވަނީ ސްކޫލްތަކަށެވެ.

ކެންސަރު ސޮސައިޓީން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު އެންމެ އާންމުވެފައި ވަނީ އަނގައިގެ ކެންސަރެވެ. އެ އިދާރާއިން ނެރުނު ހޭލުންތެރިކަމުގެ ލީފްލެޓްގައި ވާގޮތުން ރާއްޖޭގައި މީހުން ކެންސަރު ޖެހޭ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައި 80 ޕަސެންޓް މީހުން މަރުވަނީ ނޮންކޮމިއުނެކަބަލް ބަލިތަކުން ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ދައްކާ ގޮތުން އަހަރެއްގެ މައްޗަށް 9.6 މިލިއަން މީހުން ކެންސަރު ބަލީގައި ދުނިޔެ ދޫކޮށްދެއެވެ. އަދި އެއީ ދުނިޔޭގައި ދެވަނައަކަށް އެންމެ ނުރައްކާތެރި ބައްޔެވެ. ކަންސަރު އެސޯސިއޭޝަނުން ބުނެފައި ވަނީ ކެންސަރާ މެދު އާންމުން އަހުލުވެރި ކުރުވުމަށް ސްކޫލް ޓީޗަރުންނާއި ބެލެނިވެރިންގެ ޒިންމާވެސް ބޮޑެވެ. އަދި ހަމައެއާއެކު އެ ބައްޔަކީ ސަރުކާރުގެ ސަމާލުކަމަށް އަންނަން ޖެހޭ ބައްޔެއް ކަމަށް ހެދުމަށް ޒުވާނުންގެ ދައުރުވެސް ބޮޑު ކަމަށް ކެންސާ ސޮސައިޓީން ބުނެފައިވެއެވެ.

މިއަރު ނެރުނު ހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންގެ ތެރޭގައިވެސް ކެންސަރަށް ފަރުވާ ކުރާ އެތައް ކުދިންނެއް އެބަ އުޅެއެވެ. އެގޮތުން ކޮންމެ އަހަރަކު ދުނިޔޭގައި ގާތް ގަނޑަކަށް ތިން ލައްކަ ކުޑަކުދިން ކެންސަރަށް ފަރުވާ ކުރާ އިރު، އޭގެ ތެރެއިން ގާތް ގަނޑަކަށް 80،000 ކުދިން ކެންސަރު ބަލީގައި ދުނިޔެ ދޫކޮށްދެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ ކުޑަކުދިންގެ ތެރޭގައި އެންމެ އާންމު ކެންސަރަކީ ލޭގެ ކެންސަރު ކަމަށްވާ "ލުކީމިއާ"އެވެ. އެއީ ލެއާއި، ބޯން މެރޯ ހަލާކު ކޮށްލާ ކެންސަރެކެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމުވެސް އެފަދަ ކެންސަރުގައި ހަލާކުކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެރަވަރު

    މަރުވަނީ ނޮންކޮމިއުނެކަބަލް ބަލިތަކުން ކަމަށް
    ދިވެހި ކޮށްލާނަމަ، ގައިންގަޔަށްނާރާ ބަލިތައް، މިހެން.

  2. ޙިބާ

    ޜާއްޖޭގައި ވެސް މިހާ އާއްމު ކަމަކަށް ވީ ހިނދު މި ކަމަށް އެކަށޭނަ ފަރުވާ ރާއްޖެއިން ލިބެން ނެތުމަކީ ނިކަމެތި ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފު އުފުލަން ޖެހިފައިވާ ކަމެއް.