ކުޑަކުދިންނަށް ޚާއްޞަ އިންޓަވިއު ރޫމް (ޗައިލްޑް-ފްރެންޑްލީ އިންޓަރވިއު ރޫމް)ތަކެއް ދެ ރަށެއްގައި ގާއިމްކޮށްފިއެވެ.

މިފަހަރު އިންޓަވިއު ރޫމްތައް ގާއިމްކޮށްފައި ވަނީ ފ.ނިލަންދޫއާއި ދ.ކުޑަހުވަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގައެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، ޔުނިސެފް މޯލްޑިވްސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ޖެންޑާ މިނިސްޓްރީން ގާއިމުކުރި މި ދެ އިންޓަވިއު ރޫމް ހުޅުވައިދެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.މަރިޔަމް ޖަބީނެވެ.

ކުޑަކުދިންނަށް ޚާއްޞަ އިންޓަވިއު ރޫމް އަތޮޅުތެރޭގައި ގާއިމުކުރުމުގެ މަޤްޞަދަކީ ހާނީއްކައާއި އިހުމާލު އަދި އަނިޔާގެ ޝިކާރައަށް ވެފައިވާ ކުދިންނާ މުޢާމަލާތުކުރުމަށް އެކަށީގެންވާ މާޙައުލެއް ގާއިމުކޮށްދީ، ކުޑަކުދިންނާ ގުޅުންހުރި ތަޙުޤީޤުތައް ހަރުދަނާކުރުންކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި ކުދިންގެ އުމުރުފުރާތަކަށް ޚާއްޞަކުރެވިގެން ގާއިމުކުރާ މި ފަދަ ވަސީލަތްތަކުގެ ސަބަބުން ތަޙުޤީޤުގެ މަރުޙަލާގައި ކުޑަކުދިންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެހީތެރިވެދެއެވެ.

ކުޑަކުދިންނަށް ޚާއްޞަ އިންޓަވިއު ރޫމްތައް ހުރިހާ އެފް.ސީ.އެސް.ސީތަކެއްގައި ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.