ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ސިޔާސީ މަގުސަދަކަށްޓަކައި ސިފައިންނާއި ފުލުހުން ބޭނުން ކުރަން މަސައްކަތް ކުރަނީ ހަދާނެ ގޮތް ހުސްވެ "ހަތަރު އުނދަރެސް ފެނު ޖެހުމުން" ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެެވެ.

" ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ހުސެއިން ވަހީދު ވިދާޅުވީ އިދިކޮޅު ފަރާތްތަށް މިހާރު ތިބީ ގޮތް ހުސްވެފައި ކަމަށާއި އެބޭފުޅުން ރާއްޖޭގެ ސަލާމަތީ ބާރުތަށް ކަމަށްވާ ދިވެހި ސިފައިންނާއި ފުލުހުން ސިޔާސީ ބޭނުމަކަށްޓަކައި ބޭނުން ކުރަން މަސައްކަތް ކުރަނީ ކުރިއަށް ދެވޭނެ އިތުރު ގޮތެއް ނެތި ކޮޅު ބަންދުވުމުން ކަމަށެވެ.

" ސިޔާސީ ބޭނުމަކަށްޓަކައި ފުލުހުންނާއި ސިފައިން ބޭނުން ކުރައްވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް އެކުރަނީ ގޮތް ހުސްވުމުން. ގޮސް ހުސްވަމުންދާ ވަގުތުގައި އެބޭފުޅުންގެ އަމަލުތަށް ހުންނާނީ އެގޮތަށް. އަދި ބަލިވަމުންދާއިރުގައި ވެސް ބަލި ގަބޫލު ނުކުރެއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް އެއީ" ހުސެއިން ވަހީދު ވިދާޅުވިއެވެ.

އަދި މިއަދު ދިވެހި ފުލުހުންނާއި ސިފައިން އެކުރަނީ ވަރަށް ރަގަނޅު މަސައްކަތެއް ކަމަށާއި އެބޭފުޅުންނަށް އެބޭފުޅުންގެ ޤާނޫނީ ވާޖިބު އެނގިލައްވާ ކަމުގައިވެސް ހުސެއިން ވަހީދު ވިދާޅުވިއެވެ.

" ދިވެހި ސިފައިންނާއި ފުލުހުން މިއަދު އެކުރަނީ ވަަރަށް ރަނގަޅު މަސައްކަތެއް. އެބޭފުޅުންނަށް އެނގިލައްވާ އެބޭފުޅުންގެ ޤާނޫނީ ވާޖިބަކީ ކޮބައިކަން. އަދި އެބޭފުޅުންނަށް އެނގިލައްވާ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ދިފާއުކުރުމަކީ އެބޭފުޅުންގެ ވާޖިބެއްކަން" ކުރީގެ ސީޕީ ވިދާޅުވިއެވެ.

ބަޔަކު ނުކުމެ މާލޭގެ މަގުތަށް ހަލަބޮލިކުރަން އުޅުނަސް އެކަން ނުވާނެ ކަމަށް ވިދާޅުވަމުން ހުސެއިން ވަހީދު ވިދާޅުވީ އިދިކޮޅު ބައެއް ފަރާތްތަކުން ބޭރުގެ ބައެއް ގައުމުތަކާއި ގުޅިގެން މިގައުމުގެ އަމަން އަމާންކަން ނަގާލާ މި ރާއްޖެއިން އިސްލާމްދީން ފުހެލުމަށް ކުރާ މަސައްކަތްތަށް ދިވެހި ސިފައިންނާއި ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށާއި މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތަށް ގެއްލުން ލިބޭ އެއްވެސް ކަމަކަށް ދިފާއީ ބާރުތަކުން ފުރުސަތު ނުދޭނެ ކަމަށެވެ.

" ސިފައިންނާއި ފުލުންނަށް މާ މުހިންމުވާނެ ވަކި ފަރުދެއްގެ މަސްލަހަތަށް ވުރެއް ގައުމުގެ މަސްލަހަތު. އެހެންކަމުން މިގައުމުގެ ގައުމީ ވަންތަކަމާއި މާތްވެގެންވާ އިސްލާމްދީނާއި ކުޅުމުގެ ފުރުސަތު ދިވެހި ދިފާއީ ބާރުތަކުން ނުދޭނެ" ހުސެއިން ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައަސަދު

    ތިޔަހެން އަގަތެޅުމުން ސީޕީ ގެ މަޤާމު ލިބުން ކައިރި.ބާރަށް އަގަތަޅާ.

  2. އަނހާ!

    ރަނގަޅު ވާހަކައެއް. މަޖިލީހަކުން ވެރިކަމެއް ނުވެއްޓުނު. މަގުމަތިން ވެރިކަމެއް ނުވެއްޓުނު. ބޮންގޮއްވައިގެން ވެރިކަމެއް ނުވެއްޓުނު. ކޯޓު ހައިޖެކްޓް ކޮށްގެން ވެރިކަމެއް ނުވެއްޓުނު. ސިފައިންގެ ތެރެއިން ވެރިކަމެއް ނުވެއްޓުނު. ފުލުހުން ތުރޫކޮށް ވެރިކަމެއް ނުވެއްޓުނު. ދެން ބޭސް ކުރަން އޮވޭ އިނގިރޭސިވިލާތުގައި މައިބަދައަށް.

    • ޔޫސުބު

      ވޯޓް ފޮށިންވެސް އިރާދަކުރެއްވިއްޔާ މިވެރިކަމެއް ނުވެއްޓޭނެ. މަކަރުވެރިންގެ ހިތްތައް ﷲ މޮޅަށް ދެނެވޮޑިގެނެވޭ.