ރޭ ހައްޔަރުކުރި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ ވިސާމް އާއި އާމިރު ސަލީމްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މި ދެ ނޫސްވެރިންގެ ބަންދަށް 10 ދުވަސް ޖެހީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ވިސާމް އާއި އާމިރު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދީ ހެދި ވީޑިއޯ އުފައްދައި އެ ވިޑިއޯ މީސް މީޑިޔާ (ސޯޝަލް މީޑިޔާ) އަށް އަޕްލޯޑު ކުރި ކަމުގެ ތުހުމަތުގައެވެ.

މި ދެ ނޫސްވެރިން ފުލުހުން ރޭ ވަނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަޒު ފަޒީން ވެސް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

މި ތިން ނޫސްވެރިން ހައްޔަރުކުރުމުން ރާއްޖެ ޓީވީ އިން ބުނީ އެ ސްޓޭޝަނަކީ ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް އަމަލެއް ހިންގާނެ ސްޓޭޝަނެއް ނޫން ކަމަށާއި، އަދި ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދޭނެ ސްޓޭޝަނެއް ވެސް ނޫން ކަމަށެވެ. އަދި ނޫސްވެރިންގެ މައްޗަށް ކޮށްފައި ވަނީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށްވެސް ރާއްޖެ ޓީވީ އިން ބުނެއެވެ.

މީގެ އިތުރުން ވީޑިއޯ ހެދި ކަމުގެ ތުހުމަތުގައި ނޫސްވެރިން ހައްޔަރު ކުރީ، އެ ސްޓޭޝަންގެ މަގުބޫލު ކަމާއި އެ ސްޓޭޝަނަށް ރައްޔިތުން އޮންނަ ލޯބި ފެނި އެކަމަށް ހަސަދަވެރިވެ ސްޓޭޝަން ބަންދު ކުރަން މަސައްކަތް ކުރަމުންދާ ބައެއްގެ ރޭވުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ރާއްޖެ ޓީވީ އިން ބުނެއެވެ.

އަދި މީގެ ކުރިން ވެސް ރާއްޖެ ޓީވީގެ ނޫސްވެރިން ހައްޔަރުކޮށް، އެ ސްޓޭޝަން ޖޫރިމަނާ ކޮށްފައިވާއިރު މިފަހަރު ވެސް ނޫސްވެރިން ހައްޔަރުކުރީ އެ ސްޓޭޝަނަށް ބިރުދައްކަން ކަމަށްވެސް ބުނެފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާއިރު، އެފަދަ "އިންޒާރުތައް" ދީ ބިރުދެއްކުން ހުއްޓާލުމަށް ރާއްޖެ ޓީވީ އިން ވަނީ ގޮވާލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު