ދިރާގުން ހިއްސާއަކަށް 11.91 ރުފިޔާ ބެހުމަށް ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ހުށަަޅަން ނިންމައިފިއެވެ.

ދިރާގުން މީގެ ކުރިން ވަނީ މިދިޔަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.96 ރުފިޔާގެ ރޭޓުން 452.9 މިލިއަން ރުފިޔާ ބަހާފައެވެ. އަދި ފަހު ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.95 ރުފިޔާގެ ރޭޓުން ޖުމްލަ 452.2 މިލިއަން ރުފިޔާ ބެހުމަށް އަންނަ އަހަރީ އާއްމު ޖަލްސާގައި ހުށަހަޅާނެއެވެ. އެއާއެކު ހިއްސާދާރަކަށް މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 11.91 ރުފިޔާ ޖެހޭނެއެވެ.

ދިރާގުން މިއަދު ބުނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 2018 ވަނަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމާފައި ވަނީ ނުވަ ސަތޭކަ ފަސް މިލިއަން އެއް ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ ކަމަށެވެ. އެއީ ކުންފުނީގެ ސާފު ފައިދާގެ %100 އެވެ.

އަދި މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި އިއުލާނުކުރާ 'ބުކް ކްލޯޝަރ ޑޭޓް' ގައި ކުންފުނީގެ ރަޖިސްޓަރގައި ވާ ހިއްސާދާރުންގެ މެދުގައި ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟިޔެ

    ބަލަ ތިކަހަލަ ކިތައް ރުފިޔާ .