މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީ ވިދާޅުވީ ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާއި ޚިލާފުވެއްޖެނަމަ އެކަމުގެ އުޤޫބާތް އެމީހަކަށް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އެންމެހާ ޤަވާއިދުތަކަށް ބޯލެނބުމަށާއި، ފުލުހުންގެ ޒިންމާ އަދާކުރުމުގައި ފަސްނުޖެހި ސާބިތުކަމާއެކުގައި ޚިދުމަތް ކުރުމަށް ގޮވާލެއްވިއެވެ.

ފުލުހުން ވިދާޅުވީ މިރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 48 ފުލުހެކެވެ. އެއީ 40 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބިއުލަރީ 8 ފުލުހެކެވެ. މިރަސްމިއްޔާތުގައި، ހުވާކުރުމަށްފަހު ހުވާގެ ލިޔުމުގައި ފުލުހުން ސޮއިކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި، ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު