ދިވެހިރާއްޖޭގެ ތަރައްޤީގެ އެންމެ މުޙިއްމު އަސާސަކީ ތަޢުލީމީ ޖީލެއް ބިނާކުރުން ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ތަޢުލީމީ ޖީލެއް ބިނާކުރުމަށް ކަމަށާއި، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތުގެ ތެރެއިން ގިނަ ދަރިވަރުންތަކަކަށް މަތީ ތަޢުލީމުގެ ފުރުޞަތު ހުޅުވިގެންދާނެކަން ޔަޤީން ކުރައްވާ ކަމަށެވެ.

"ޤައުމެއްގެ ތަރައްޤީގެ ދާއިރާ ތަކުގެ ތެރެއިން ތަޢުލީމީ ދާއިރާއަށް މި ސަރުކާރުން ވަކިން ޚާއްޞަ އިސްކަމެއް ދިނީވެސް، ތަރައްްޤީގެ އެންމެ މުޙިއްމު އަސާސަކީ ތަޢުލީމީ ޖީލެއް ބިނާކުރުން ކަމުގައިވާތީ. މި ސަބަބަށްޓަކައި މި އަހަރުގެ ބަޖެޓުގައިވެސް އެންމެ މަތީ އިންސައްތައެއް އަޅުގަނޑުމެން ޚާއްޞަކޮށްފައިވާނީ ތަޢުލީމީ ދާއިރާއަށް. އެއީ 3.4 ބިލިއަން ރުފިޔާ." ރައީސް ޞާލިޙު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، މިފަދަ ފުރުޞަތެއް އެއްވެސް ސަރުކާރަކުން މި ވިހާތަނަށް ފަހިކޮށްދެއްވާފައިނުވާ ކަމަށާއި، ހުރިހާ ޒުވާނުންވެސް މި ފުރުޞަތުގެ ބޭނުން ހިފާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މީގެ އެންމެ ބޮޑު މަޤްޞަދަކީ މަތީ ތަޢުލީމު ޙާޞިލުކުރުމަށް ބައިންބަފައިންނާއި، ދަރިވަރުން ކުރަންޖެހޭ ޚަރަދު ކުޑަކޮށް، ތަކުލީފެއް ނެތި މިކަން ކުރެވޭނެ ފުރުޞަތު ހޯދައިދިނުން ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް އަލަށް ކިޔަވާ ކޮންމެ ދަރިވަރަކަށްވެސް މިކަމަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އަދި މި ވަޢުދަކީ މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެއްކަށްވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަސީދު

    ޢެހެން ވެގެން ދޯ އެހާދައުޅީމީ މީހަކު ވެރިކަމުގާަ އޮލުވާލި ވޯޓުން އައިސްތިހުރީ