އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގި އެސްއޯއެފްއިން ބޭންކް އޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތް އެމްއެމްއޭގެ އެފައިއިޔޫ ޔުނިޓުން ބެލި ކަމަށާއި، އަދި އެކަން އޭރުގެ ގަވަރުނަރ ޑރ. އަޒީމާ އާދަމްގެ ސަމާލުކަމަށް ގެނައިއިރުވެސް އެކަން ހުއްޓުވުމަށް މަސައްކަތްކޮށްފައިނުވާކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައި މިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އޭސީސީން މިއަދު ނެރުނު 700 ސަފުހާގެ ދިގު ރިޕޯޓުގައި އޭރު އެމްއެެމްއޭގެ ފައިނޭޝިއަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ވެރިޔާ އާތިފް ޝަކޫރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދީފައިވާ ދެ ބަޔާނުންނެވެ.

އެގޮތުން އާތިފް ދީފައިވާ ފުރަތަމަ ބަޔާނުގައި ވަނީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ލިބިފައިވާ އެސްޓީއާރގެ ފާރދަރ އެނަލިސަސްއެއް ހެދުމުން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްއާ ގުޅުންހުރި، ވަރަށް ބޮޑެތި ޢަދަދުތަކުގެ، ބައިވަރު ޓްރާންސެކްޝަންތަކެއް ހަދާފައިވާކަމަށާއި، އެމްއެމްޕީއާރްސީ އާއި އެސްއޯފް.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއާ އޮތް ލިންކް ފެންނަށް އޮތްކަމަށާއި އެގޮތުން، އެސް.އޯއެފް އެސްއޯފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ވަދެފައި، ފައިސާ ޓްރާންސެކްޝަންތައް ހިނގަނީ ކިނެއްތޯ އާއި، އަދި ފައިސާތައް ދަނީ ކޮންކޮން އެކައުންޓްތަކަކަށްކަން އެނގެން އޮތުމުން، އެކަމަކީ ކަމާގުޅުންހުރި ތަޙްޤީޤީ އިދާރާ އަކުން ތަޙްޤީޤް ކުރަންޖެހޭ ކަމެއްކަމަށް އޭނާއަށް ޤަބޫލުކުރެވިގެން، އެ އެމަޢުލޫމާތު ގަވަރނަރާ ޙިއްޞާކުރިކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެކަން ޑރ. އާޒިމާ އާދަމްއަށް އެންގުމުން، އެފްއައިޔޫ އަކީ އެންމެ ހަތަރު މުވައްޒަފުންގެ މައްޗަށް އެކުލެވިގެންވާ ޔުނިޓެއްކަމަށާއި، އަދި މި ވަގުތު ފޯކަސްކުރާނީ ބޭރު ޤައުމުތަކުން ހިންގާ ވަގު ފައިސާ (ބްލެކް މަނީ) ގެޓްރާންސެކްޝަންތައް ބަލާ އެނަލައިޒް ކުރުމަށްކަމަށް ބުނި ކަމަށެވެ. އަދި ބްލެކް މަނީ ނޫން އެހެން އެއްޗެއްސައިގެން އުޅުމަށް މި ވަގުތު ރިސޯސްއެއް ނެތްކަމަށް ގަވަރނަރ ވިދާޅުވިކަމަށްވެސް އޭސީސީއަށް ދިން ބަޔާނުގައި އާތިފް ބުންޏެވެ.

އަދި ގަވަރނަރގެ އިރުޝާދުގެ ދަށުން އެ މައްސަލަ ތަޙްޤީޤު ކުރުމަށް އެއްވެސް އިދާރާއަކަށް އެފްއައިޔޫއިން ނުފޮނުވާކަމަށްވެސް އޭސީސީއަށް އާތިފް ދިން ބަޔާނުގައި ވެއެވެ. ނަމަވެސް އެ މައުލޫމާތުތައް އެކި ފަހަރު މަތިން ގަވަރުނަރު އަޒީމާގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލާގައި އަޒީމާ އާދަމް 20 ސެޕްޓެމްބަރު 2016 ގައި އޭސީސީއަށް ދީފައިވާ ބަޔާނުގައި އާތިފް ދިން ބަޔާން ވަނީ ދޮގުކޮށްފައެވެ. އަޒީމާ ބުނެފައިވަނީ އެސް.ޓީ.އާރއެއް ލިބުމުން އެކަން ރަސްމީކޮށް އެއްވެސް ވަރަކަށް އަންގާފައިނުވާ ކަމަށެވެ.

އަދި އާތިފް، ގަވަރުނަރު އަޒީމާގެ ސަމާލުކަމަށް އެކަން އެކި ފަހަރުމަތިން ގެނައިކަމަށް ބުނި ނަމަވެސް، އެފްއައިޔޫގެ ވެރިންނާ މުވައްޒަފުން ހިމެނޭގޮތަށް އެ ޔުނިޓްގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުންތަކެއް ނުބާއްވާކަމަށް އަޒީމާ ދިން ބަޔާނުގައި ވެއެވެ.

މިއަދު އާއްމުކުރި ރިޕޯޓްގައި، ހިޔާނާތްތެރިވި ފައިސާ ނެގުމަށް ފަހު ޖަމާކުރި އެސްއޯއެފް އެކައުންޓަށް ފައިސާ ޖަމާ ކުރިކަމަށް ވަނީ ބަޔާންކޮށްފައެެވެ. އަދި އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކުރި އެކައުންޓުތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ.

އަދި ރާއްޖޭގެ 57 ރަށެއް ނުއަގުގައި ގަވާއިދާއި ހިލާފަށް ވިއްކާފައިވާ ކަމަށްވެސް ބުނެފައިވާއިރު، އެ ރަށްތައް ދޫކުރުމަށް ފަހު އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭނެކަމަށް ބެލެވޭ 77 މިލިއަން ޑޮލަރުގެ ތެރެއިން ދައުލަތަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޯޓުވަގު

    ތިޔައީ ވަކިމީހަކައް ލަޑުދިނުމުގެ ގޮތުން ނެރުނުބަޔާނެކަމުގާދެކެން ސިޔާސީ ބަޔާނެ