އިއްޔެ ރޭ މެންދަމު ސިނަމާލެ ބްރިޖާ ގުޅޭ ހައިވޭގައި މަތީން ބާރު ސްޕީޑްގައި ދުއްވަނިކޮށް އެެކްސިޑެންޓްވެފައި ވަނީ ކުރީގެ ނޫސްވެރިޔާ އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ޕީއެސް އަހުމަދު އަޒުމޫން ކަން ހާންމަވެއްޖެއެވެ.

"ވަގުތު" އެގިފައވާގިތުގައި އެކްސިޑެންޓްވި އިރު އެ ކާރު ދުއްވަން އިންނެވީ ވެސް އަޒުމޫނެވެ. އަޒުމޫން ވަނީ މިކަން ބައެއް މީޑިއާ ތަކަށް ކަށަވަރުވެސް ކޮށްދީފައެވެ. އެކްސިޑެންޓްގައި ބޮޑު އަނިޔާއެއް ނުވެ އަޒުމޫން ވަނީ ސަލާމަތްވެފައެވެ.

އަޒުމޫން ބުނީ އިއްޔެ ރޭ މެންދަމުން ހުޅުމާލެއިން ކާރުގައި މާލެ ދިޔަ މަގުމަތިން އެ އެކްސިޑެންޓް ހިނގީ ހައިވޭ މަތިން ކުއްލިއަކަށް ހުރަސް ކުރަން ދިޔަ ބުޅަލެއް ކާރުގައި ޖެހުމުން ކާރު މަޑު ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

"ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް އެކްސިޑެންޓްވީ, ސަލާމާތްވީ ކާރުގެ އެއާ ބޭގް ފަޅައިގެން ގޮސް އެއިން ލިބުނު ރައްކާތެރި ކަމުން،" އޭނާ ބުނިއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށެވެ. ފުލުހުން ވިދާޅުވީ ކާރު ދުއްވަން އިނީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތެވެ. ދެން ކާރުގައި އިނީ 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ކާރު އެކްސިޑެންޓުވެފައި އޮތީ ހައިވޭގެ އިރުމަތީ ފަރާތުގަ އެވެ. ކާރު ކޮންޓްރޯލް ނުވެގެން ގޮސް ފުރަތަމަ ޖެހުނީ ހޮޅިދަނޑިއެއްގައި ކަމަށް ބެލެވެއެވެ. އެއަށް ފަހު ފަހު ހައިވޭގެ ދަގަނޑު ފެންސް ގައި ވެސް ކާރު ޖެހިފައި ވެއެވެ. ކާރު ފެންސްގައި ޖެހުމުން ފެންސަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.

ފެންސްގައި ޖެހިގެން ވެސް ކާރު ކޮންޓްރޯލް ވެފައެއް ނުވެއެވެ. ކާރު އޮތީ ފެންސް މަތިން ގޮސް ޕޭމަންޓް މަތީގައެވެ. ކާރު މަޑުވީ ޕޭމަންޓްގެ އިރުމަތީ ފަރާތުގައި ހުރި ތޮށިގަނޑުގައި ޖެހިގެންނެވެ.

ސިނަމާލެ ބުރިޖާއި، ހައިވޭގައި އެކްސިޑެންޓް ހިނގުން ވަނީ އާއްމު ކަމަކަށް ވެފައެވެ. ގިނަ ފަހަރު އެކްސިޑެންޓް ހިނގަނީ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުންނާއި ޤަވައިދާއި ހިލާފަސް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    ޖިންނި ދޯ ކުއްވެރިޔަކީ...

    16
  2. ޖަމީލު

    ޕީއެސް އަކައް ވެވުނީމަ އުޑުގަ ނުޖެހި ބިމުގަ ނުޖެހި ކާރު ދުއްވޭނެ ކަމައްދޯ ހީކުރީ.

    25
  3. ބަކުރުބެ

    ދަގަނޑު ބުޅަލެއްތަ އެއީ...

  4. ޢިބިލީސް

    ޢެއާ ބޭގު ފަޅާގެން ދިޔާމަ ސަލާމަތް ވޭތަ.....!

  5. ރަމްޒީ

    މޮޅުވާހަކަ ނުދައްކާ، ހައިވޭއާއި ބުރިޖްގައި އެންމެބާރަށްވެސް ދުއްވުން ހުއްދަ އޮންނަނީ ގަޑިއަކު 50 ކިލޯމީޓަރު ބާރުމިނުގައި. އެވަރުގައި ދުއްވައިގެން ބުޅަލެއްކީއްކުރަން ޖިންނި އެއް ފެނިގެންވެސް ތިވަރުވެގެންނުވާނެ.

  6. ބާކޮލި

    މިހާރު ޖިންނި އެޕިސޯޑް ނިމިއްޖެ. ދެން އޮތީ ބުޅަލާއި ގެރިބަކަރި ހުރަސް ކުރުމުގެ އެޕިސޯޑްތައް. ބައްލަވާލައްވާ.. ހެ ހެ ހެ.

  7. ޢަހަންމާ

    ކޮބާ ބުޅާ. ބުޅާ ޖެހުނުވާހަކަ ބުނި. ބޮއިގެން ދުއްވަން އިނިއްޔާ ވާނީ ތިހެން.

    1
    1