އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު ކޯޓަށް ހާޒިރުކޮށްފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާގެ ޝަރީޢަތަށެވެ. މި ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 15:00 ގައެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކުގެ ހެކި ނައްތާލި ކަމަށެވެ. މިމައްސަލައިގައި ދައުވާ ކޮށްދިނުން އެދި ފުލުހުން ޕީޖީ އަށް މައްސަލަ ފޮނުވީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ.

އަބްދުﷲ ސައީދު ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތްކުރުމާއި ދަޢުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމު ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައެވެ.

މިއަދު ޝަރީޢަތް ފަށާ މައްސަލައިގެ އިތުރުން ވެސް ކުރިއަށް އޮތްތަނުގައި އަބްދުﷲ ސައީދުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާނެ ކަމަށް ބެލެވެއެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މިވަގުތު ތިއްބެވީ ފުލުހުންގެ ހައްޔަރުގައެވެ. މި ދެ ބޭފުޅުންގެ މައްޗަށް ވެސް ޕީޖީ މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަ

    ކޯޓު ބަލާލަން އަލަށް ޖައްސާލީ

  2. އާބެ

    މިރާއްޖޭގެ ތާރީހުގައި މީހަކަށް ނުކުރާވަރުގެ ބޮޑު ހުކުމެއް މީނާދެ މައްޗަށް ކުރަންޖެހޭ. މިހާރު ތިއީ މިގައުމުގެ އުއްތަމޭ އެއްނޫން

  3. ރެޓޭ

    ކަޅު މުޙައްމަދު ރަސްގެފަނޑިޔާރު.