އާޔަން މުކަރުޖީއާއި ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "ބްރަމަސްޓްރާ"ގެ ލޯގޯ ލޯންޗް ކޮށްފައިވަނީ ތަފާތު ގޮތަކަށެވެ. މި ފިލްމުގެ ލޯގޯ ލޯންޗް ކުރުމުގެ ހަފްލާ ބާއްވާފައިވަނީ، ކުމްބް މޭލާ ސަރަހައްދެއްގައި ގިނަ އަދަދެއްގެ ޑްރޯން ބޭނުން ކޮށްގެން ޖައްވުގެ ތެރޭގައި ފިލްމުގެ ނަން އަޅައިގެންނެވެ.

މި ފިލްމުގެ ލީޑް ދެ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރު އާއި އާލިއާ ބަޓް އަދި ފިލްމުގެ ޑައިރެކްޓަރު އާޔަން މުކަރުޖީ ހަފްލާ ބޭއްވި ތަނަށް ގޮސްފައިވަނީ ޕްރައިވެޓް ޖެޓެއްގައެވެ. އަދި ލޯގޯ ލޯންޗް ކުރި ވަގުތު ފިލްމުގެ ޓީމުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެއްކަމަށްވާ ފޭސްބުކްގައި އެ ވީޑިއޯވެސް ލައިވްކޮށް ދައްކާފަ އެވެ.

150 ޑްރޯން ބޭނުން ކޮށްގެން ފިލްމުގެ ނަން ޖައްވުގައި އަޅާފައިވާއިރު އިންޑިއާގެ ގައުމީ ދިދަވެސް މި ހަފްލާގައި އަޅުވާފައިވެއެވެ. އަދި މި މަންޒަރު ލައިވް ކޮށް ބެލުމަށް ފިލްމުގެ ޓީމުންނާއި އާއްމުންގެ ގިނަ ބަޔަކު އެ ސަރަހައްދުގައި އެއްވެފައިވެއެވެ. ތަފާތު ގޮތަކަށް މި ހަރަކާތް ކުރި އަށް ގެންދިޔަ އިރު އާލިއާ ބުނެފައިވަނީ މިއީ އަދި ބޮލީވުޑްގައި ފިލްމު އުފައްދާ މީހަކު މިފަދަ ގޮތަކަށް ލޯގޯ ލޯންޗް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

މި އަހަރު ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ. ބަލްގޭރިއާ އާއި މުމްބާއީގައި ފިލްމުގެ ގިނަ މަންޒަރުތަކެއް މިހާރު ވަނީ ނަގާފަ އެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ މި ފިލްމުގައި އާލިއާ އާއި ރަންބީރުގެ އިތުރުން، މުހިއްމު ރޯލްތަކުގައި އަމީތާބް ބަޗަން އަދި ކަލާސް ޗެނަލް އިނަ ގެނަސްދިން "ނާގިން" ޑްރާމާ އިން މަޝްހޫރުވި މޯނީ ރޯއިވެސް ފެނިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު