ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫ ދާއިރާއަށް ވާދަކުރައްވާ، އިބްރާޙިމް ދީދީ (އައިބީ) ގެ މެނިފެސްޓޯ ތަންފީޒު ކުރުމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާޙިމް މުޙައްމަދު ޞާލިޙު ކުރައްވަންޖެހޭ ކަމެއް ކަމަށް، އޭނާ ވިދާޅުވެއްޖެއެވެ.

އައިބީ މިހެން ވިދާޅުވީ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅުއްވާ، ފޭދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ރޭ، ސެންޓަރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ދާއިރާގެ ރައްޔިތުންނަށް ވީ ވަޢުދެއް ނޯންނާނެ. މި އަންނަ އިންތިޚާބުގައި އަޅުގަނޑަށް ކާމިޔާބު ލިބިއްޖެ ކަމަށްވާނަމަ، އަޅުގަނޑުގެ މެނިފެސްޓޯ ތަންފީޒު ކުރަންޖެހޭނެ މީހަކީ ރައީސުލްޖުމްހޫރިއްޔާ. އަޅުގަނޑު އަމިއްލަ ގޮތުން އެއްވެސް ވަޢުދެއް ނުވަން. އަޅުގަނޑުގެ މެނިފެސްޓޯގައި ހުންނާނީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވަޢުދުތައް. އަޅުގަނޑު ކުރަންޖެހޭ ކަމަކީ އެކަންކަން ފުރިހަމަ ކުރޭތޯ ބެލުން. އެކަމަށް ފާރަވެރިވުން." އައިބީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އައިބީ ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންނަށްވެސް އެ ރަށުގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވެން ވާނެ ކަމަށާއި، ފޭދޭގައިވެސް ރަސްރަނި ބަގީޗާއަކާއި، ރަސްފަންނެއް

ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ވަގުތު އިމޭޖަސް؛ މުޙައްމަދު އަފްޒަލް

ވެސް އޮންނަންޖެހޭނެ ކަމަށެވެ. އަދި އެ ޚިދުމަތްތައް ލިބެންޖެހޭނީ ހަމަ އެކަނި މާލޭ ރައްޔިތުންނަށް ނޫންކަމަށްވެސް އައިބީ ވިދާޅުވިއެވެ.

"ކިއްވެގެންތޯ ފޭދޫގަ ރަސްރަނި ބަގީޗާ ނޯނަަންވީ. ފޭދޫގަވެސް ރަސްފަންނެއް އޮންނަންވާނެ. ފޭދުގައިވެސް ފްލެޓްތައް އެޅެންވާނެ. އަޅުގަނޑަށް މި ފުރުޞަތު ލިބިއްޖެ ނަމަ، ފިސާރި އަޑު ހަރުކޮށް މި އަޑުތައް، ރައީސަށް އިއްވާނަން. ހަމަ ކަންފަތް ފަޅައިގެންދާވަރަށް މި ވާހަކަތައް ދައްކާނަން." އައިބީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގިނަ އަަދަދެއްގެ ފޭދޫ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އައިބީ އަކީ މިހާރުވެސް ފޭދޫ ދާއިރާ ތަމްޞީލްކުރައްވާ މެމްބަރެވެ.

އަންނަ މަޖިލިސް އިންތިޚާބުގައި އައިބީ ކުރިމަތިލައްވަނީ އަމިއްލަ ގޮތުންނެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.