ރާއްޖޭގައި ހުރި ހަރުމުދާ ތައް ވިއްކުމަށް އޭރުގެ ސަރުކާރުން މަސައްކަތް ފެށުމުން، ސަތާނަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިޞިއްޔަތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މާފަންނު ދެކުނު ދާއިރާ އަށް ވާދަކުރައްވާ، އިބްރާޙިމް މުއްތަލިބު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، މުއްތަލިބު ވިދާޅުވީ، ޖީ.އެމް.އާރު ގެ މައްސަލަ އަށްފަހު، ރާއްޖޭގައި ހުރި ހަރުމުދާތައް ވިއްކާލުމަށް އޭރުގެ ސަރުކާރުން މަސައްކަތް ތަކެއް ކުރެއްވި ކަމަށާއި، ނަމަވެސް އެކަމާއި ގުޅޭ ޤާނުނުތަކަށް އެކަން މަނާކޮށްދިނުމަށް އެދި ގިނަ އިޞްލާޙުތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ.

"ޖީ.އެމް.އާރު މައްސަލަ އަށްފަހު، ސްޓެލްކޯ، އައިލެންޑް އޭވިއޭޝަން، އެޗް.ޑީ.ސީ، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ ފަދަ ތަންތަން ވިއްކާލަން އޭރުގެ ސަރުކާރުން މަސައްކަތް ތަކެއް ކުރި. އެ ތަންތަން ނުވިއްކޭ ގޮތަށް މަޖިލީހަށް އިސްލާޙު ހުށަހެޅީ އަޅުގަނޑު. އެ އިޞްލާޙަށް ތާޢީދު ކުރެއްވީ މާމިގިލީ ދާއިރާގެ މެމްބަރ، ޤާޞިމް އިބްރާޙިމް." މުއްތަލިބު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މުއްތަލިބު ވިދާޅުވީ، ކުރިއަށް އޮތް މަޖިލީހުން ފުރުޞަތު ލިބިއްޖެ ކަމަށްވާނަމަ، ޤައުމިއްޔަތާއި އިސްލާމްދީނުގެ ހައްޤުގައި މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަން މާޒީގައިވެސް ސާބިތުކޮށްދީފައިވާނެ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ، މުއްތަލިބަށް ލިބިވަޑައިގަންނަވާފައިވާ އެންމެ ބޮޑު އެއް ތަޖުރިބާ އަކީ، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ފަސް އަހަރުގެ ތެރޭގައި ލިބިވަޑައިގެންނެވި ތަޖުރިބާއެވެ.

"އަޅުގަނޑުގެ އެންމެ އިސްކަމެއް ދޭނެ މަސައްކަތަކަށްވާނީ، އިސްލާމްދީނާއި ޤައުމިއްޔަތު ޚިމާޔަތްކުރުމުގެ މަސައްކަތް ކުރުން. މީގެ ކުރިންވެސް، އިސްލާމްދީނާއި ގުޅޭ އިޞްލާޙުތައް، ވަރަށް ގިނަ ޤާނޫނުތަކަށް އަޅުގަނޑު ހުށަހަޅާފައި ހުންނާނެ. މަޖިލީހުގައި ތިއްބަވާ ބޭފުޅުންނަކީ ތަންފީޒީ މަރުޙަލާގަ ތިބޭ ބައެއް ނޫން. ޤާނޫނުތައް ހެދުމާއި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން އެއީ އެބޭފުޅުން ކުރައްވަން ޖެހޭ މަސައްކަތް." "ވަގުތު" އަށް ދެއްވި އިންޓަވިއު އެއްގައި މުއްތަލިބު ވިދާޅުވިއެވެ.

ނަވާރަ ވަނަ މަޖިލީހަށް މުއްތަލިބު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު