ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަބްދުލް މުޣުނީއާ މެދު ޕާޓީން އަޅާފައިވާ ފިޔަވަޅާ މެދު އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، ޕާޓީގެ ނިންމުމަކީ ކުރިން ވެސް ނިންމާފައިވާ ނިންމުން ކަމަށާއި، އެކަމާ ގުޅޭ ގޮތުން ޕާޓީން ހާމަކުރާނެ އިތުރު އެއްޗެއް ނެތް ކަމަށެވެ.

އިތުރަށް އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން އިތުރު އެއްޗެއް ދަންނަވާކަށް ނެތިން ކުރިން ވެސް އަޅުގަނޑުމެން ދަންނަވާފައި އިންނާނީ އެއީ ސިޔާސީ ނިންމުމެއް ކަމަށް. " އަފްޝަން ވިދާޅުވިއެވެ.

މުޣުނީގެ މައްސަލާގައި ޕާޓީން ނިންމާފައިވާ ސިޔާސީ ނިންމުމެއް ކަމަށާއި، އަދި ޕާޓީގެ ލީޑަރޝިޕަށް އެފަދަ ސިޔާސީ ނިންމުންތައް ނިންމޭނެ ކަމަށް އަފްޝަން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މުގުނީއަށް ކުރި ތާއިދު އެމްޑީޕީން އަނބުރާ ގެންދިޔައީ އޭނާ ކުރީގެ އަނބިމީހާ އަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވުމުންނެވެ.

ނަމަވެސް މުގުނީގެ ސަޕޯޓަރުން ބުނަނީ އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި އަދި ހެއްކެއް ގަރީނާއެއްގެ މައްޗަށް ބިނާކުރުމެއް ނެތި މުގުނީއަށް ކުރި ތާއީދު އެމްޑީޕީން ނެގުމުން އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

މުގުނީގެ ސަޕޯޓަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ސަޕޯޓަރުން ތިބީ މުގުނީގެ ފަހަތުގައި ކަމަށާއި، އެމްޑީޕީން ތާއިދު ގެންދިޔަ ނަމަވެސް މުގުނީ މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.

އެމްޑީޕީން ތާއިދު ގެންދިޔަ ނަމަވެސް އިންތިޚާބުގައި ވާދަކުރާނެ ކަމަށް މުގުނީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ފޮޓޮއިން އެ ފެންނަ މަންޖެހެން ހައިބަތު ރަނގަޅުނުވާތީތަ އެއީ

  2. އިބުރޭ1122

    ތިޔަ ކޮއި ގޯހެއްނޫން.