ރާއްޖޭގައި ގިނަ ޒުވާނުން ސާނަވީ ތަޢުލީމު ޙާޞިލުކުރީ ރާއްޖެއަށް ފެތޭ މުޤައްރަރުތަކެއް އަދި ރާއްޖެއާ ގުޅޭ ޓެކްސްޓް ފޮތްތަކެއް ނެތިކަމަށާއި، ނަމަވެސް 30 އަހަރުވީ އެ މަންހަޖު ބަދަލުކުރެއްވީ ރައީސް އަބްދުﷲ ޔާމީންކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު އޮތް އެންއައިސީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ގިނަ ޒުވާނުން ސާނަވީ ތަޢުލީމު ޙާޞިލުކުރީ ރާއްޖެއަށް ފެތޭ މުޤައްރަރުތަކެއް އަދި ރާއްޖެއާ ގުޅޭ ޓެކްސްޓް ފޮތްތަކެއް ނެތި ކަމަށެވެ. އަދި ބޭރުގެ ލިޔުންތެރިން ލިޔެފައިވާ ފޮތްތަކެއް ޓެކްސްޓް ފޮތްތަކެއްގެގޮތުގައި އިޚުތިޔާރުކޮށްގެން ކަމަށެވެ.

"އެފަދަ ގިނަ ޓެކްސްޓް ފޮތްތައް އެކަށީގެންވާގޮތެއްގައި ބޭނުމެއް ނުކުރޭ. މުޤައްރަރުތަކަށް މުދައްރިސުން އަހުލުވެރިކުރުން މުޅިންހެން ހުއްޓުނު. ކިޔަވައިދިނުމުގައި ހަމައެކަނި ފޮތުގެ ދެލިގަނޑު ކިޔަވައިދޭން ފެށުނު. އެކަށޭނަ ފެންވަރުގެ ޓީޗަރުންވެސް އޭރަކު ނެތް. ސާނަވީ މާއްދާތައް ކިޔަވައިދޭން ތިއްބެވީ ބިދޭސީން" މިނިސްޓަރު ވިދާޅުވިއެވެ.

"1984 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ދެމުންދިޔަ ތަޢުލީމުގެ ނަތީޖާއާމެދު ގޮތެއް ނިންމުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށް. އަޅުގަނޑުމެންނަށް ފެންނަން އޮތީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން މުޅިން ފުނޑުފުނޑުވެފައިވާތަން. ޒުވާނުންގެ ގިނަ ބަޔަކު މަގުމަތިވެފައިވާތަން. މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާތަން. މާރާމާރީއާއި ލޫޓްވުންފަދަ ކަންކަން ޢާންމުވެފައިވާ ތަން. ބޭރު މީހުންނަށް ރޭރުވެފައިވާތަން. ކުދިންނަށް ދިރިއުޅެން ދަސްކޮށްދެވިފައެއް ނުވޭ. ހަރުދަނާ އަޚުލާޤީ ސިފަތަކެއް ނުފެނޭ. ޤައުމިއްޔަތުގެ އަގު ވަޒަނެއް ނުކުރެވޭ". މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، 30 އަހަރު ފަހުން އައި މަންހަޖެއް އުފައްދަައި އެ މަންހަަޖަކީ ރާއްޖެއާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ މަންހަޖަށް ހެއްދެވީ ރައީސް އަބްދުﷲ ޔާމިން ކަމަށެވެ.

"ޤައުމީ މަންހަޖު ތަންފީޒު ކުރުމަށް އެކުލަވައިލައްވާފައިވާ ޓެކްސްޓް ފޮތްތަކަކީ ވެސް މަޝްހޫރު ކޭމްބްރިޖް ޕްރެސް އާއި ގުޅިގެން ތައްޔާރުކުރާ ފެންވަރު ރަނގަޅު ފޮތްތަކެއް. މުދައްރިސުން ދަނީ ދާއިމީގޮތެއްގައި ޤައުމީ މަންހަޖަށް އަހުލުވެރިކުރަމުން. ތަޢުލީމީ ނިޒާމުގައި މިއަދު ގިނައީ ދިވެހިން". މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އައު ޤައުމީ މަންހަޖުން އެދެވޭ ނަތީޖާއެއް ހޯދޭނީ މުދައްރިސުންނާއި ބެލެނިވެރިންނާއި މުޖުތަމަޢުގެ އެންމެހާ އަފުރާދުންގެ އެއްބާރުލުން ލިބިގެން. މުޖުތަމަޢުން ރިވެތި ނަމޫނާ ދެއްކިގެންކަމަށެވެ.