ސ. ހުޅުމީދޫ ބަހާއުއްދީން މަގުގައި ތާރަ އަޅައި ރަނގަޅު ފެންވަރަކަށް ހަދައި، ގއ. ކަނޑުހުޅުދޫ ބަނދަރުގެ އެއްގަމު ތޮށި ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގެ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި ދެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ވެވޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެެވެ. ސަރުކާރުގެ ފަރާތުން މި ދެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

ހުޅުމީދޫގެ ބަހާއުއްދީން މަގުގެ 2.02 ކިލޯމީޓަރުގެ ސަރަހައްދުގައި ރަނގަޅު ފެންވަރަކަށް ތާރު އަޅާ ހަދާނެއެވެ. އަދި މަގި ބައްތި ޖަހައި، ސައިޑް ވޯކް ގާއިމް ކުރާނެއެވެ. މި މަޝްރޫއަކީ 240 ދުވަސް ތެރޭގައި ނިންމުމަށް ހަވާލު ކުރެވުނު މަޝްރޫއެކެވެ. މި މަޝްރޫއަށް 32،719،385.70 ރުފިޔާ ޚަރަދުވެއެވެ.

މީގެ އިތުރުން ގއ. ކަނޑުހުޅުދޫ ބަނދަރުގެ ތޮށި ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 350 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއަށް 35،933،872.16 ރުފިޔާ ހަރަދުވާނެއެވެ. އެ މަޝްރޫއުގެ ދަށުން، 414 މީޓަރުގެ އެއްގަމު ތޮށްޓެއް ޖަހައި، 40 މީޓަރުގެ ބޭރުތޮށްޓެއް ޖަހާނެއެވެ. އަދި 100 މީޓަރުގެ ރިވެޓްމެންޓެއް ޖަހާ، ނެރު ބައްތި ޖަހާ، ބަނދަރު ސަރަހައްދު ބައްތި ޖަހާނެއެވެ. އަދި އެއްގަމު ތޮއްޓާއި އިންވެގެން ޕޭވްމެންޓް ހަދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜަނާ

    ޢިންތިޚާބާ ދިމާކޮށް މިކަހަލަ މަސައްކަތްތައް ފެއްޓުމަކީ ކޮން ކަހަލަ ކަމެއްބާ!

  2. ހިޔާލު

    ސިޓީއާ ގުޅިފައިވާ ރަށަކަށް ނުވީ ހުޅުމީދޫ ރައްޔިތުންގެ ކުށަކުންތޯ، ސިޓީގެ ތަރައްޤީއަށް ހަލުވިކަމާއެކު މަސައްކަތް ކުރެވެމުންދާއިރު ހުޅުމީދޫގެ (ހާއްސަކޮށް މީދޫ) ކުރިއެރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށް ނުދެވެނީ؟
    ސ.މީދޫ ބަނދަރަށް އަލިމަގެއް ފެންނާނެބާ؟؟؟ މީދޫ ބަނދަރު ހަލާކުވެ ނެތިގެން ދާތަން ފެންނަ ލޮލެއް ނެތްބާ؟ ރަށް ގިރުމުގެ މައްސަލަ އެހާ ބޮޑު. ގިރާ ސަރަހައްދުތައް ގިރަގިރައިގެންދަނީ ކަންބޮޑުވާ މިންވަރަށް.
    އަވައްޓެރި ހުޅުދޫގެ ގިރާ ސަރަހައްދަށް ހައްލު ހޯދައި ދެއްވީ އެ ދާއިރާގެ ދީލަތި މެމްބަރު ޝާޑު. ޝާޑު އަކީ ރައްޔިތުންނާ އެކުވެރި، ރައްޔިތުންގެ އަޑު އަހާ، ރަށުގެ ކުރިއެރުމަށް މަސައްކަތްކޮށް ދެއްވާ ބޭފުޅެއް. އެއާ ޚިލާފަށް، މީދޫ ދާއިރާގެ މީހާރުގެ މެމްބަރު ދައުރުގެ 5 އަހަރު ނިމިގެން މިދާއިރު މީދޫގެ ކުރިމަގަށް ކޮށްދީފައިވާ އެއްވެސް ކަމެއް ފެންނާކަށް ނެތް. ރަށުގެ ކުރިމަގަށް ކަމެއް ކޮށްދެއްވިނަމަ 5 އަހަރު ނިމިގެންދާއިރު ރަށުގެ ބަނދަރުގެ ބޮޑު ބައެއް ވެއްޓި، ކޯގަންނު ސަރަހައްދު މިހާރު އެއޮތް ވަރަށް ގިރައިގެން ގޮސްފައިވާ މަންޒަރު ދެކޭކަށެއް ނުޖެހޭނެ. ދެން މި ވިދާޅުވަނީ "ތަފާތު ވާނޭ، ތަފާތު ފެންނާނޭ" އަޖާއިބެއް. ފެންނާނެ ތަފާތެއް މިއޮތީ 5 އަހަރު ތެރޭ ރަށުގެ ރައްޔިތުންނަށް ފެނިފަ، ތަފާތު ވަރު ދައްކާފަ. ރަށަށް ބޭނުންވަނީ ރަށުގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވާނެ އިޚްލާސްތެރި ބޭފުޅެއް.