ހދ. ނޮޅިވަރަމްގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިއަދު އެކަމަށްޓަކައި ޕްލޭނިންގ މިނިސްޓްރީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ، އަޒްހޯލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ ކުންފުނި ވޯޓާ އިންޖީނިއަރިންގ ސާވިސް އާއެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެ މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓެރީ ޒީނިއާ އަހުމަދު ހަމީދުއެވެ. އަދި ވޯޓާ އިންޖީނިއަރިންގ ސާވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ކަންޓްރީ މެނޭޖަރ ހިވާޖް މަހިންދްރަ މަދޫސަންކާ ކަރުނަ ރަތްނޭ އާއެވެ.

މި މަސައްކަތް ކުުރުމަށް ދީފައިވާ މުއްދަތަކީ ދެ އަހަރެވެ. މި މަޝްރޫއަށް 25،269،605.00 ރުފިޔާ ހަރަދުވާނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލު ކުރެވުނު އެ މަޝްރޫއުތަކުގެ ދަށުން ރަށުގެ ފެނުނު ނިޒާމް ފަރުމާ ކުރުމާއި، ރަށުގެ ފެނުގެ ވިއުގާ އެޅުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބަހައްޓައި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ.