ވ. އަތޮޅު އަލިމަތާ ރިސޯޓޫ ކައިރީގައި އޮތް ސަފާރީއެއްގައި ހުއްޓާ ހޭނެތުނު މީހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 55 އަހަރުގެ ޓައިވާނަށް ނިސްބަތްވާ އަންހެނެކެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އަލިމަތާ ކައިރީގައި އޮތް ސަފާރީއެއްގައި ފަތުރުވެރިޔަކު ހޭނެތިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:25 ހާއިރު ކަމަށެވެ. އެ މަޢުލޫމާތު ލިބުމާއި އެކު ފުލުހުންގެ ލޯންޗެއް ސަފާރީ ކައިރިޔަށް ދަތުރުކޮށް ފެލިދޫ ހޮސްޕިޓަލަށް އޭނާ ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެމީހާ މަރުވީ ފެލިދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

އެ އަންހެން މީހާ މަރުވާން ދިމާވި ސަބަބެއް އަދި ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މި މީހާއަކީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް އައިސް އުޅުނު ފަތުރުވެރިއެކެވެ.