ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅައި ބައި އިލެކްޝަނެއް އިއުލާން ނުކޮށް ތިބީ ސުޕްރީމް ކޯޓުން އެކަމާ ބެހޭގޮތުން ވަކި ގޮތެއް ނިންމަންދެން ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރީފު މިހެން ވިދާޅުވީ ނޫސްވެރިންނާއި އީސީގެ މެންބަރުން މިއަދު ވަޑައިގަތް ނުރަސްމީ ކޮފީއެއްގައި، ނޫސްވެރިއަކު ދެންނެވި ސުވާލާކަށް ޖަވާބު ދެއްވަމުންނެވެ.

އޭނާ ވިދާޅުވީ މެންބަރުންގެ ގޮނޑީގެ މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުން ކަންތައް ކުރިއަށްގެންދަން އެނގޭނެ ކަމަށެވެ. އަދި އައިޕީޔޫގެ ވަފުދަކުންވެސް އެ ސުވާލު ކުރެއްވި ކަމަށާއި އެ ފަރާތުންވެސް ސުވާލު ކުރުމުން ދެއްވީ ހަމަ އެއް ޖަވާބެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ގާނޫނީ ލަފާދޭ ފަރާތްތަކާ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި އެ ބޭފުޅުންވެސް ލަފާދެއްވާފައިވަނީ ސުޕްރީމްކޯޓުގެ ބަހަކަށް މަޑުކުރެއްވުމަށް ކަމަށެވެ. ނަމަވެސް ލަފާ ދެއްވީ ކޮން ފަރާތަކުން ކަން ހާމައެއްް ނުކުރެއްވިއެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އެވެ.

ބާރަ މެންބަރުންގެ ގޮޑި ގެއްލުނު ކަމަށް މީގެ ކުރިން އިލެކްޝަނުން ކަނޑައަޅައި ބައި އިލެކްޝަނެއް ބާއްވަން ސަޕްލިމެންޓަރީ ބަޖެޓެއްވެސް ކަނޑައެޅި އެވެ.

މެންބަރުންގެ ގޮނޑީގެ މައްސަލައާ މެދު ގޮތެއް ނިންމަން ސުޕްރީމްކޯޓަށް މިހާރު ވަނީ ހުށަހަޅާފައެވެ. މަޖިލީހުން މިހާރު ވަނީ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު