މަޑަވެލި ދާއިރާގެ މެމްބަރ، މުޢާޒު މުޙައްމަދު ރަޝީދުގެ ގޮނޑި ގެއްލިއްޖެ އެވެ.

މުޢާޒަކީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެ ދާއިރާ އަށް އިންތިޚާބުވެ ވަޑައިގެންނެވި ބޭފުޅެކެވެ. ޕީ.ޕީ.އެމް ގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވުމަށްފަހު، މި އިންތިޚާބަށްވެސް މުޢާޒު ނިކުންނެވީ ޕީޕީއެމް ގެ ޓިކެޓުގައެވެ.

މި އިންތިޚާބު މުޢާޒަށް ނާކާމިޔާބު ވެފައިވާއިރު، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެ ދާއިރާ އަށް އެމްޑީޕީ ގެ ޓިކެޓުގައި ވާދަކުރެއްވި ޙުސައިން ފިރުޝާނެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ފަސް އަހަރު ދުވަހު ތެރޭގައި، މަޑަވެލި ދާއިރާގެ މެމްބަރުގެ ޙައިޞިއްޔަތުން މުޢާޒު ވަނީ އެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން މަޑަވެލީގެ ބަނދަރާއި، ހައުސިން ޔުނިޓްތަކާއި، ކޯޒްވޭގެ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. އަދި މަޑަވެލީގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ވަނީ ބަޔަކާއި ހަވާލުކުރެވި، ޢަމަލީ މަސައްކަތްފެށުމަށް ތައްޔާރުވެފައެވެ.

ހަމައެހެންމެ، ނަޑެއްލާ އާއި ހޯޑެއްދޫއަށް ބެލިކަމުގައިވިޔަސް، ކުލާސްރޫމުގެ އިމާރާތްތަކާއި، ފުޓްސަލް ދަނޑުގެ މަސައްކަތްވެސް ވަނީ މުޢާޒުގެ ފަސް އަހަރުގެ ތެރޭގައި ކޮށްދެއްވާފައެވެ. މީގެ އިތުރުން، ނަޑެއްލާގެ ކައުންސިލްގެ އައު އިމާރާތާއި، ހޯޑެއްދޫގެ ޔޫތު ސެންޓަރުގެ އިމާރާތަކީވެސް، މުޢާޒުގެ މަސައްކަތުން ހޯއްދަވާފައިވާ ބޮޑެތި ޕްރޮޖެކްޓް ތަކެކެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހިމަނާފައިއޮތް ހޯޑެއްދޫ ބަނދަރުގެ މަޝްރޫޢަކީވެސް، މުޢާޒުގެ ފުރިހަމަ ހިއްސާއާއި އެކު ހިމަނާފައިވާ މަޝްރޫޢުއެކެވެ.

މިއަދު ބޭއްވި މަޖިލިސް އިންތިޚާބުގެ ދާއިރާ ތަކުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، އެމްޑީޕީން މަޖިލީހުގެ ސްޕަރ މެޖޯރިޓީ ނެގުން ގާތެވެ.

ކިޔުންތެރިންގެ ހިޔާލު