ވ. ކެޔޮދޫގެ ބަނދަރުގެ ފޭސް ދޭއްގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރި ޕްލޭނިންގެ މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓަރީ ޒީނިއާ އަހުމަދު ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރި އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.

ކެޔޮދޫ ބަނދަރު މަޝްރޫއު ފޭސް ދޭއްގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރީ 29،723،199.91 މިލިޔަން ރުފިޔާއަށެވެ.

މި މަޝްރޫއުގެދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 362 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ޖެހުމާއި، 97 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމާއި، 212 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށްޓެއް ޖެހުން ހިމެނެއެވެ.

އަދި މީގެ އިތުރުން ނެރުބައްތި ޖެހުމާއި، ބަނދަރުގެ ނެރު ފުން ކުރުމާއި ރޭމްޕެއް ހެދުމާއި، އެއްގަމު ތޮއްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުން ހިމެނެއެވެ.

މި މަސައްކަތް ނިންމުމަށް ދީފައި ވަނީ 280 ދުވަހެވެ.