ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމާއެކު، ޖާބިރު ފުޓްސަލް ކަޕް ބާއްވަން އިއުލާން ކޮށްފިއެވެ.

ކ. ކާށިދުއާއި ގާފަރުގައި، ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، ބާއްވަން ހަމަޖައްސާފައިވާ އެ މުބާރާތަކީ، ކާށިދޫ ދާއިރާއަށް އިންތިހާބުވި އަބްދުﷲ ޖާބިރުގެ މުބާރާތެކެވެ. މުބާރާތުގެ ރަނަރަޕް ޓީމަށްވެސް ބައި ލައްކަ ރުފިޔާ ކަނޑައަޅާފައިވެއެވެ.

އެމްޑީޕީ ޕްރައިމަރީން ބަލިވި ނަމަވެސް، ޖާބިރު ވަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކޮށް، ގޮނޑި ނަގާފައެވެ. ޖާބިރު އެ ދާއިރާއަށް ކުރިމަތިލީވެސް ބޮޑު ތަސައްވަރަކާ އެކުގައެވެ. ހާއްސަކޮށް ގާފަރާއި ކާށިދޫ ބޮޑު ސިޓީއަކާ އެއް ފެންވަރެއްގައި ތަރައްގީ ކުރުމަށް ޖާބިރު ވަނީ ވައުދުވެފައެވެ.

އެގޮތުން އެ ދެރަށްވެސް ކޭބަލް ކާރުން ގުޅާލާ، އަރަބި ޓޫރިޒަމް ތައާރަފް ކުރުމަށް ޖާބިރު ވައުދުވެފައިވެއެވެ. އަދި ހަމައެއާއެކު ޖާބިރުގެ އަމިއްލަ ޗެނަލެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އިއްޔެ ވިދާޅުވިއެވެ.

މަޝްހޫރު ވިޔަފާރި ވެރިޔާ ޖާބިރު، ކާށިދޫ ދާއިރާއަށް އިންތިހާބުވުމާއެކު، އެ ދާއިރާގައި އަމިއްލަ އޮފީހެއް ހުޅުވުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ އިރު، އެ ދެރަށުގައި ހަވާވެސް ވަނީ އަރުވާފައެވެ. އެ ރަށަށް ދިޔުމުން ޖާބިރުއަށް ރައްޔަތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު