ސްޓްރާޑާ ކުންފުނިން ބްރިޖް ޕްލެޓްފޯމު ކައިރީގައި ހިންގާ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރުމަށާއި އެ ބިމުގެ ކުލީގެ ގޮތުގައި އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ބިން ހުސްކުރަން ހައުސިން މިނިސްޓްރީން އެންގި އެންގުމަށް ސްޓްރާޑާ އިން އަމަލުކޮށްފައި ނުވާތީ ބިމުގެ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 1،045،000 އަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ.
ނިއު ޕޯޓް ވިއު ހިންގާ ބިން، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ތިން އަހަރަށް ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އަޅާ މަންޒަރު ބަލަން ޕްލެޓްފޯމެއް ތަރައްގީކުރާށެވެ.
ހައުސިން މިނިސްޓްރީން ބިން ހުސްނުކޮށްގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން ނިއު ޕޯޓް ވިއު މިހާރު ހިންގަމުން ދަނީ ގާނޫނާ ޚިލާފަށް ކަމަށާއި ސްޓްރާޑާ އިން އެއްބަސްވުމާ ޚިލާފުވެފައިވާތީ މި މަހުގެ ހަތް ވަނަ ދުވަހު އެ އެއްބަސްވުން އޮތީ ބާތިލްކޮށްފަ އެވެ.
ނިއުޕޯޓް ވިއު ހިންގާ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒާހިދަކީ، ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި ފަހުން ޕީއެންސީގެ ކައުންސިލްގައި ވެސް ހިމެނުނު ބޭފުޅެކެވެ. ސަރުކާރު ބަދަލުވިތާ ގިނަ ދުވަހެއް ނުވަނީސް ނިއުޕޯޓް ރެސްޓޯރެންޓުތައް ހުއްޓުވުމަށް ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދިޔައީ ބާރު އަޅަމުން ކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުން ބުނަމުން ދަނީ ނިއުޕޯޓް ވިއު ބަންދު ކުރަނީ އެ ސަރަޙައްދު އާންމުންނަށް ހުޅުވާލަން ކަމަށެވެ. ނަމަވެސް މިހާރުވެސް އެ ސަރަޙައްދަކީ އާންމުންނަށް ހިތްފަސޭހަކޮށްލަން ތިބެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އާންމުކޮށް ކުދިބޮޑު އެންމެނަށް ހުޅުވާލާފައި އޮންނަ ސަރަޙައްދެއްކަން ފާހަގަކޮށްލެވެއެވެ. ނިއުޕޯޓް ވިއުގެ އިތުރުން، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ އެހެން ރެސްޓޯރެންޓުތައް ބަންދު ކުރުމަށް ނިންމީ ކީއްވެ ކަމެއް އެނގިފައެއް ނުވެއެވެ.
ދެންގޮސް ތަޅުއަޅުވަން ވީނުން ކަލޭމެންގެ ސަރުކާރު ޗޯޓީ ސަރުކާރު މޯދީ ސަރުކާރު