ހަނީމޫނަށް ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވިލު ރީފް ރިސޯޓަށް އައިސް އުޅެނިކޮށް 2016 ވަނަ އަހަރު މަރުވި އިންޑިއާ ފަތުރުވެރިއެއްގެ މަރުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ނެތް ކަމަށާއި އެއީ ގުދުރަތީ މަރެއް ކަމަށް އެ މައްސަލަ އަލުން ބަލަން އެކުލަވާލި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އިން އިންޑިއާގެ ހައި ކޯޓުގައި ބުނެފި އެވެ.

ހަނީމޫނަށް ރާއްޖެ އައިސް އުޅެނިކޮށް މަރުވީ ޒުވާން ފިރިހެނެކެވެ.

އޭނާ މަރުވީ ކާނާ ވިހަވެގެން، އޭނާ ހުރި ވިލު ރީފް ރިސޯޓްގެ ޑޮކްޓަރަށް ދެއްކުމުން ދިން ބޭސްތަކެއްގެ ސަބަބުން ކަމަށާއި އެ ޑޮކްޓަރު އިހުމާލުވެފައިވާ ކަމަށް ޒުވާނާގެ ބައްޕަ ވަނީ ބުނެފައެވެ.

ނަމަވެސް ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދި ޖޭޖޭ ހޮސްޕިޓަލުން ވެސް ނިންމީ އެއީ ގުދުރަތީ މަރެއް ކަމަށެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންކުރި ވިސެރާ ސާމްޕަލްސް މިހާރު ގެއްލިފައިވާ ކަމަށާއި ހުރީ ހަމައެކަނި ޓިޝޫ ސާމްޕަލްތައް ކަމަށް މަހާރަޝްތުރާގެ ސަރަހައްދީ ސަރުކާރުން ކޯޓަށް އެންގުމުން އަލުން ތަހުލީލުކުރަން ހައި ކޯޓުން އެއިމްސް އަށް އަމުރުކުރި އެވެ.

ކޯޓު އަމުރަށް އެއިމްސް އިން އެކުލަވައިލި އަށް މެންބަރުންގެ އިއްތިފާގުން ނިންމި ތަޙްޤީޤު ރިޕޯޓްގައި ބުނެފައި ވަނީ މަރުވި މީހާގެ ހަށިގަނޑުގައި "ހައިޕަޓްރިގްލައިސެރިޑީމިއާ" ހުރި ކަމަށެވެ. އެއީ ލޭގައި މަތީ މިންވަރަކަށް ފެޓް ހުރުމެވެ. ބޯޑުގެ އަށް މެންބަރުން ވެސް ބުނެފައި ވަނީ އޭނާ މަރުވީ "ސެރެބްރޯ ޕްލުމޮނަރީ އެޑީމާ" ގެ ސަބަބުން ކަމަށެވެ. އެއީ ލޭމައްޗަށް ދިއުމުން ހާޓް ފެއިލް ވުމާ ދާދި އެއް ހާލަތެކެވެ.

ބޯޑުގެ ރިޕޯޓްގައި، ރާއްޖޭގެ ރިސޯޓްތަކުގައި ސިއްހީ ހިދުމަތް ދިނުން ހަރުދަނާކުރަންޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް ރާއްޖޭގެ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ މަރުތައް އިތުރުވެފައި ވާއިރު ފަތުރުވެރިންގެ މަރުތަކާއި ގުޅިގެން އެމީހުންގެ އާއިލާތަކުން މީޑިއާގައި ސުވާލު އުފެއްދުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް އެފަދަ ގިނަ މަރުތައް ކަމާބެހޭ އިދާރާތަކުން މާބޮޑަށް ތަޙްޤީޤެއް ނުކުރެއެވެ.

މިއަހަރު މިހާތަނަށް ވެސް ރާއްޖޭގައި ވިއްސަށް ވުރެ ގިނަ ފަތުރުވެރިން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތާޑްވޭވް

    1.4 މިލިޔަން މީހުން ގެ ތެރެއިން އެންމެ ވިއްސަކަށް މީހުން މަރުވުމަކީ ރިސޯޓް ތަކުގެ އިހުމާލެއް ނޫން... ސޭފްޓީ ފަސްޓް!!