ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންގެ އަބުރަށް އަރައިގަންނަ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

ޕީޖީ އޮފީހުން މި އިންޒާރު ދީފައިވަނީ އެ އޮފީހާއި އެ އޮފީހުގެ މުވައްޒަފުންނަށް ނިސްބަތްކޮށް ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތަކާއި ވަކިވަކި މައްސަލަތަކުގައި ކޯޓަށްދާ ޕްރޮސެކިއުޓަރުންނަށް އަމާޒުކޮށް އެ ޕްރޮސެކިއުޓަރުންގެ މަސައްކަތާއި ގުޅުވައި އެ ޕްރޮސެކިއުޓަރުންގެ އަބުރަށް ހުތުރުވާ ގޮތަށް އެކި ފަރާތްތަކުން ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތަށް ކުށްވެރިކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އެ އޮފީހުން ކޯޓުތަކަށް ހުށަހަޅާ ދައުވާތަކާއި ގުޅިގެން އެ ކޯޓުތަކަށް ހާޒިރުވާ ޕްރޮސެކިއުޓަރުންނަކީ އެ އޮފީހުން މައްސަލައިގައި ހާޒިރުވާނެ ޕްރޮސެކިއުޓަރުން ކަނޑައަޅައި އެ ޕްރޮސެކިއުޓަރަކާއި އެ މައްސަލަ އެއް ހަވާލުކުރުމުން އެ މައްސަލައެއްގައި އެ އޮފީހުން ކަނޑައަޅާފައިވާ ގޮތާ އެއްގޮތަށް ކޯޓަށް ހާޒިރުވެ ވަކާލާތު ކުރާނެ ޕްރޮސެކިއުޓަރުން ކަމަށެވެ.

އަދި އެއްވެސް މައްސަލައެއްގައި ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރުން ކޯޓުތަކަށް ހާޒިރުވެ ދައްކާ ވާހަކަތަކަކީ އެ ޕްރޮސެކިއުޓަރަކު އަމިއްލަ ހައްސިއްޔަތުން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި ޕީޖީ އޮފީހުގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ވަކި އުސޫލަކުން ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް މިކަމުގެ މައުލޫމާތު ފުރިހަމަ އަށް ހޯދުމެއް ނެތި ވަކި ބައެއްގެ އަމިއްލަ މަސްލަހަތަށްޓަކައި ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތަށް ކުށްވެރިކުރާ ކަމަށާއި އަދި އެފަދަ ވާހަކަތަށް ނުފެތުރުމަށް ޕީޖީ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެފަދަ އަމަލުތައް ތަކުރާރު ކުރާނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައެވެ.

"ތަހުގީގީ އިދާރާތަކުން ތަހުގީގު ކުރެއްވުމަށްފަހު މި އޮފީހަށް މައްސަލަ ހުށަހެޅުއްވުމުން އެ މައްސަލައެއްގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމުގެ ޒިންމާ އަކީ ގާނޫނު އަސާސީ އިން މި އޮފީހާއި ހަވާލުކޮށްފައިވާ ޒިންމާއެކެވެ" ޕީޖީ އޮފީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ ޒިންމާ އަދާކުރުމުގައި ޕީޖީ އޮފީހުން ބަލަންޖެހެނީ އެ މައްސަލައެއްގައި ހުރި ހެއްކާއި ގަރީނާ ވަޒަން ކުރުމަށްފަހު ކަމާގުޅޭ ގާނޫނާއި ގަވާއިދަށް ކަމުން ޕީޖީ އޮފީހުގެ މަސައްކަތްތައް ވެސް ތަރުތީބު ކުރެވިފައިވަނީ އެފަދައިން ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާއަބުރު

    ޢަބުރެއް އޮތް ނަމަ ދޯ އަރަިގަނެވޭނީވެސް.

  2. ކެޔޮޅު

    އެހާ އަބުރު ބޮޑުވީމަ ވާނެ އެހެންވެސް.

  3. ކެޔޮޅު

    ތި އުޅުއްވާ ބޭފުޅުން ކޮންމެކަމެއްކުރިޔަށް އަބުރު ވަރަށް ބޮޑުވާނެ.

  4. ފަރުމާ

    24 އަވަސް އިންޒާރު ދިނުމާއި ބިރުދެއްކުން. މިސަރުކާރު އާކަމެއް ކުރެވޭތޯ އުޅެން ވެއްޖެނު.

  5. ނަޝީދު

    އަންދާ ޤާނޫނަށްއަމަލުކުރަންޏާ ފާޑުކިޔާނެ ފިޔަވަލޅު ކީކުރަން ފޮޅުވައތް އެލިޔަސް