ގެއްލުވާލައިފައިވާ ނޫސްވެރިޔާ ރިލްވާން އާއި އިހާނެތި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދަށް އިންސާފު ހޯދައިނުމަށް ގޮވާލައި މާލޭގައި ބޭއްވި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެން، ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދާދިނުމަށް ރައީސް ޞާލިޙް ސަރުކާރަށް ގޮވާލައްވައިފިއެވެ.

"ދުލެއް ނުކުރާނަން" އިންސާފަށް ހިންގާލުން ނަމުގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަދި މަރާލާފައި ވާ ބްލޮގަރ ޔާމީންރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މިއަދު ހަވީރު ރަސްފަނުން ފެށިގެން އާޓިފިޝަލް ބީޗާ ހަަމައަށް ކުރިއަށް ގެންދިޔަ މި ހިންގާލުމުގައި ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ހުންނެއްވީ ޔާމީންގެ ބައްޕަ އަދި ޔާމީންގެ އެކުވެރިޔާ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމައާއެކު އެންމެ ކުރީ ސަފުގައެވެ.

މަރުތަކަށް އިންސާފު ހޯދާދިނުމަށް ގޮވާލާ މިއަދު ބޭއްވި ހިނގާލުމުގައި ރައީސް ޞާލިޙުވެސް ބައިވެރިވެވަޑައިގެންނެވި - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އެއްވެސް ހުރަސްއެޅުމެއް ކުރިމަތި ނުވެ ކުރިއަށް ދިޔަ މި ހިންގާލިމުގެ ބައިވެރިން ވަނީ ދިރި ހުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ގާނޫން އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއްކަމަށާއި ރިލްވާނާއި ޔާމީން މަރާލީ ކޮންބައެއް ކަމަށާއި މަރާލަން ބުނީ ކޮން ބައެއް ކަމަށް ސުވާލު އުފައްދާ އަޑު އުފުލާފައެވެ.

މި ހިންގާލުމުގައި ރައީސް ސޯލިހުގެ އިތުރުން ނޫސްވެރިންނާއި މި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު މި ހިންހާގާލުމުގެ ކުރިން ރަތް ފުއްޕާހަމަކާއި އެކު ރައީސް ސޯލިހު ކުރެއްވި ޓްވިޓެއްގައި "ދުލެއް ނުކުރާނަން" މިހެން ވިދާޅުވެފައެވެ.

މަރުތަކަށް އިންސާފު ހޯދާދިނުމަށް ގޮވާލާ މިއަދު ބޭއްވި ހިނގާލުމުގައި ރައީސް ޞާލިޙުވެސް ބައިވެރިވެވަޑައިގެންނެވި - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ރައީސް ސޯލިހު ވަނީ ރިލްވާން ވަގަށް ނެގި މައްސަލަ އަލުން ތަހުގީގުކޮށް ރިލްވާންއަށް ވީގޮތް ވެރިކަމުގެ ފުރަތަމަ ދުވަހު ހާމަކުރާނެ ކަމުގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވެފައެވެ. ދިވެހި ރައްޔިތުން ސިއްސުވާލި މި މައްސަލަ އަލުން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމިޝަނެއް ވެސް އުފައްދަވައިފައެވެ.

ރިލްވާން ގެއްލުވާލިތާ ހަތަރު އަހަރު އަދި ޔާމީން ވަރަށް ރަހުމު ކުޑަކޮށް މަރާލިތާ ދެ އަހަރުވެފައިވާއިރު މި ދެ ނޫސްވެރިނަށް އަދި މިހާތަށް އިންސާފެއްނުލިބެއެވެ. އާއިލާގެ ހިތްތަކަށް ފިނިކަމެއް ލިބޭވަރަކަށް ތަހުގީގަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ރައީސް އުފެއްދެއްވި މި ކޮމިޝަނަށް ބޭނުންވި ބާރުތަކެއް ރައްޔިތުންގެ މަޖިލީހުން ދޭން ދޮކޮޅު ހަދާފައިވުމުން މި ކޮމިޝަންތަށް ވަނީ މައްސަލަ ސާބިތު ކުރަން ދަތިތަކާއި ކުރިމަތިވެފައެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ އަންނަ މަޖިލީހަށް ކޮމިޝަންތަކަށް ބާރު ދޭ ބިލް އަލުން ހުށަހެޅުމަށް ނިންމަވާފަ އެވެ. އެމްޑީއަށް އޮތް ސުޕަ މެޖޯރިޓީ އާއި އެކު މި ކޮމިޝަންތަކަށް ބާރުލިބޭނެ ކަމަށް ބެލެވެއެވެ.

2017 ވަނަ އަހަރު އޭޕްރީލް، 23، މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ވެސް އެއްކޮށް ފުރިހަމަ ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ. ޔާމީންގެ މަރުގެ މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

ޔާމިން ރަޝީދު މަރާލީ، އޭނާ މަސައްކަތް ކުރި އޮފީހުން ގެއަށް ދާން ނުކުތުމުން، މަގުމަތިން ބަޔަކު ފާރަލަމުން ގޮސް، އޭނާ ގެއަށްވަތް ވަގުތު ތޫނު އެއްޗެހިން ޙަމަލާ ދީގެންނެވެ.

މީގެ ހަތަރު ހަހަރު ކުރިން މިނިވަން ނޫހުގެ ނޫސްވެރިޔާ މަރުގެ އިންޒާރުތަކަކަށް ފަހު، "ވަގަށް ނެގީ" އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހޫން

    ދެން އިންސާފު ހޯދައިދެނީ ކާކު؟ ޔާމީން، މައުމޫން، ޤާސިމް، ؟؟؟؟؟ ރައީސްކޮބާ؟؟؟؟؟

  2. ބޯހަލާކު

    އެއްމެ 2 މީހުންތަ އެގޮތަށް ވީ ނުވީއެއް ނޭނގި މަރުވީ ނޫނީ ގެއްލުނީ...

  3. އެމަންޖެ

    މާތްﷲއަށް ދުޢާ ދަންނަވާ ބަލަ....

  4. މޫސަ

    ދައުލަތުގެ އަދި ސަރުކާރުގެ ވެރިއަކަށް ހުރިމީިހާ މިގޮވާލަނީ ދައުލަތަށާއި ސަރުކާރަށް އިންސާފު ހޯދައިދޭން. އޭނަގެ މަސްއޫލިއްޔަތާ ޒިންމާއަކީ ކޮބައިބާ؟

  5. Anonymous

    ޢަދިވެސް މަރުތަކަށް އިންސާފު ނުލިބެނީބާ؟؟ ޜައީސު އިބޫސާލިހު ވެފައިވާ އެއްމެބޮޑު 1ވައުދަކީ ރައީސުކަން ލިބުމާއިއެކު އެއްހަފުތާތެރެއިން މަރުތަކަށް އިންސާފު ސާބިތުކޮށްދެއްވާނެކަން ޚާއްސަކޮށް ގެއްލިފައިވާ ރިޟުވާނުގެ މައްސަލަ، ވީއިރު މިހާރުވާނީ މިވައުދު ފުއްދާފައި ނޫންތޯ؟؟، ވެރިކަމަށް 5މަސްވެއްޖެ ވިއްޔާ!!!

  6. އަދުރޭ

    ތީ ފޮޓޯއެއް ނަގާލަން ރައީސް ދިޔަތަނެއް...

  7. އެލެކްސް

    އަދި މި ސަރުކާރަށް 100 ދުވަސް ނުވޭ ތިހާ އަވަހަށް ނުވާނެ ކަންކަން ހުންނާނެ.

  8. ރައްޔިތުމޙާ

    ވެރިމީހާ ވަޒީރުން ގޮވައިގެން ނުކުމެ މުޒާހަރާ ކުރަނީ

    5
    2
  9. ބޯހަލާކު

    ކޮން ގޮވުމެއް ގޮވާކަށް ވެރިއަކަށްހުރެ. ކަންކޮށްފަ ދައްކަންވީއެއްނު. މީހުން ގަޅި ހެއްދުން ނޫންކަމެއް މި މީހުން ނުކުރޭ

  10. Anonymous

    ހިނގާ ހުރިހާ ދިވެހިން އަތްޖަހަން. މަރުތަކަށް އިންސާފު ހޯދައިދިނުމަށް، އިބްރާހީމް މުޙައްމަދު ޞާލިހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައިފި. ކަލޭނޭ، މިއޮތީ މަޖާކަމެއް. ބަލާބަލަ ތިމީހާގެ ސިކުނޑި ހަމަތޯ.