ޕްރޮސެކިއުޓަރ ޖެނެރަލް މައްސަކަތް ކުރައްވަނީ މިނިވަން ކަމާއި އެކުކަމަށާއި, އިދިކޮޅުފަރާތް ތަކުން އުޅެނީ މުއައްސަސާ ތަކުގެ އަގު ވައްޓާލަންކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން ބުނެފިއެވެ.

ވަކި ބޭފުޅަކަށް ވީތީ ދައުވާ ހިފެހެއްޓުމުގެ ބާރެއް ޕީޖީ އަށް ލިބިގެން ވޭތޯ ޕްރޮސެކިއުޓަރ ޖެނެރަލް މައްސަކަތް ކުރައްވާ ގޮތާމެދު " ވަގުތު " އިން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް ޕީޖީ އަކީ ވެސް ދައުލަތުގެ އިދާރާތަކުގެ ތެރެއިން މުހިންމު މައްސަކަތް ތަކެއް ކުރައްވާ ބޭފުޅެއް ކަމަށާއި ޕީޖީ މައްސަކަތް ކުރައްވަމުން ގެންދަވަނީ ވަކި ފަރާތަކަަށް ޖެހިގެންކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

"ޕީޖީ މައްސަކަތް ކުރައްވަމުން ގެންދަވަނީ ވަކި ފަރާތަކަަށް ޖެހިގެންކަމަށް ގަބޫލެއް ނުކުރަން, އިދިކޮޅު ފަރާތް ތަކުން މައްސަކަތް ކުރަނީ ދައުލަތުގެ މުއައްސާސާ ތަކުގެ އަގު ވައްޓާލާ، މުއައްސާސާ ތަކުގެ މައްޗަށް ރައްޔިތުންގެ އޮތް އިތުބާރު ނަގާލުމަށް" ހަލީލް ވިދާޅުވިއެވެ.

އިދިކޮޅުފަރާތް ތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ މިނިވަން މުސްތަގިއްލު ޕްރޮސެކިއުޓަރ ޖެނެރަލް އަކީ ވަކިފަރާތަކަށް ނުޖެހި މައްސަކަތް ކުރަން ހުންނަން ޖެހޭ މީހެއް ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ ކޯޓުގައި ދައްކަން ޖެހޭ ވާހަކަތަށް ޕްރޮސެެކިއުޓަރ ޖެނެރަލް އަމިއްލައަށް ނިންމަވައިގެން ވާހަކަ ދެއްކުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

ޕަބްލިކް ފުރޮސެކިއުޝަން އަކީ ޕަބްލިކުގެ ދިފާއުގައި ހުންނަ ފަރާތް ކަމަށް ވިދާޅުވެ އަލީ ހުސެއިން ވިދާޅުވީ ޕުރޮސެކިއުޓަރ ޖެނެރަލް އަކީ ކުށުގައި ހައްޔަރު ކުރާ ފަރާތުގެ ދިފާއުގައި ވެސް ހުންނަ ޖެހޭ މީހެއް ކަމަށެވެ.