ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ޖުމްލަ 341 ފަރާތެއް އެބަ ތިބި ކަމަށާއި، އެމީހުންގެ މުނިފޫހިފިލުވުމަށް ބޭނުންވާ 16 ޓީވީ ޔޫތު މިނިސްޓްރީގެ ފަރާތުން ހަދިޔާކޮށްދެއްވާފައިވާ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިކަން އިއުލާންކޮށްފައިވަނީ ޖެންޑަރ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

“މި މަރުކަޒުތަކުގައި ތިބި ކުދިންނަށް ކުޅިވަރުކުޅުމާއި މުނިފޫހި ފިލުވުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމާފަ. މިއީ ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. އަދި މިނިސްޓްރީން ހަދިޔާކުރި 16 ޓީވީ އަކީވެސް ވަރަށް ބޮޑު އެހީތެރިކަމެއް.” ޝިދާތާ ވިދާޅުވިއެވެ.

ޓީވީ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

މި ބައްދަލުވުމުގައި ޔޫތު މިނިސްޓަރ އަޙުމަދު މަޚުލޫފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

“ގުރައިދޫގައި އެ ތިބަ މީހުން ފެނުނީމަ ހަމަ ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެ. އަޅުގަނޑުމެންގެ ކޮންމެވެސް އާއިލާއަކަށް ނިޞްބަތްވާ މީހުން އެތާނގަ އެ ތިބީ. އެތަނުން އެ އިވުނު އަޑުތަކާއި ވާހަކަތަކަށް ބަލާއިރު ހަޤީޤަތުގައިވެސް ވަރަށް އުނދަގޫ ވާހަކަތަކެއް އަޑުއިވިގެން މި ދަނީ. އެ އާއިލާތަކުން އައިސްފަ އެމީހުންގެ ހާލު ނުބަލާ ވާހަކަ އަކާއި، މިކަހަލަ ވާހަކަތަކެއް އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ.” މަހުލޫފު ވިދާޅުވިއެވެ.

ޓީވީ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އިތުރަށް މަޚުލޫފު ވިދާޅުވީ، މާލީގޮތުން ފުދުންތެރި އާއިލާތަކުންވެސް ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނެސްފައިވާ ކަމަށާއި އެކަމާއި ހިތާމަ ކުރައްވާކަމަށެވެ.

“އަޅުގަނޑުވެސް ޤަބޫލުކުރަން ބަލާނެ އެއްވެސް ގޮތެއް ނެތް ނަމަ މިފަދަ ސެންޓަރެއްގައި ބަހައްޓަން ޖެހިދާނެ ކަމަށް. ނަމަވެސް ފުދުންތެރިކަން ހުރި އާއިލާތަކުގެ މީހުންވެސް މި ތާނގަ އެބަ ތިބި.” މަހުލޫފު ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގައި 41 ކުދިން، ފިޔަވަތީގައި 104 ކުދިން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 190 މީހުން ތިބިއިރު، އަތޮޅުތެރޭގެ ފެމެލީ އެންޑް ސާރވިސް ސެންޓަރު ތަކުގައި 6 ކުދިން އެބަ ތިއްބެވެ.