ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމާއި ގުޅޭގޮތުން ޗައިނާގެ އެޑްމިނިސްޓްރޭޝަން ފޯ މާކެޓިން ރެގިއުލޭޝަން އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި އޮތް ރަސްމިޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ރާއްޖޭގެ ފަރާތުން ސޮއިކުރެެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އަލްއުސްތާދު ފައްޔާޒު އިސްމާއީލްއެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯރ މާރކެޓް ރެގިއުލޭޝަންގެ މިނިސްޓަރ ޒޭންގ މާއޯއެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ދެގައުމުގެ ގުޅުން ބަދަހި ކުރުމަށްޓަކާއި މަސައްކަތް ތަކެއް ކުރެވިގެން ދާނެ ކަމަށެވެ.

ޕްރެސްގައި ފައްޔާޒު މައުލޫމާތު ދެއްވަނީ --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ކުރިއެރުވުމާއި ސްޓޭޑާޑްސް އަދި ކޮންސިއުމާ ޕްރޮޓެކްޝަންގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް މި އެއްބަސްވުމުގެ ދަށުން މަސައްކަތްތަކެއް ކުރެވޭނެ " މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުސޮއިކުރެވުނު އެއްބަސްވުމުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ހައިލެވެލް ބައްދަލުވުންތަކެއް ބާއްވަން ހަމަޖެހިފައިވާއިރު މި ބައްދަލުވުންތަކާއި ކޮންފަރެންސްތަށް މެދުވެރިކޮށް ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދެވޭނެ ކަންތަށްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.