ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލު ބޮޑު ބަލިމީހަކު ފަރުވާ ދިނުމަށް އަައްޑޫ ސިޓީއަށް މިއަދު ހެނދުނު ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރާއްޖެއިން ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލު ބޮޑު ބަލި މީހަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން މިއަދު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އިންޑިއާއިން ފުރައިގެން ސިންގަޕޫރަށް ދަތުުރު ކުރި "އެމްވީ ސީއީވީޑީއީޓީ - އޭ (މަލްޓާ ފްލެގް ކެމިކަލް ޓޭންކަރ) ގައި އޮތް ހާލުބޮޑު ބަލި މީހާއާ ގުޅޭ ރިޕޯޓު، އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ހަވީރު 16:57 ހާއިރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު ސ.ހުޅުމީދޫ ދެކުނުން 05 ނޯޓިކަލް މޭލާއި ހަމައަށް މިއަދު ހެނދުނު 07:40 ހާއިރު ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ޑޮކްޓަރުންގެ ޓީމަކާއެކު ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަކުރާއަށް ނަގާފައެވެ.

"އަދި މި ބަލި މީހާ އައްޑޫ ސިޓީ ފޭދޫއަށް މިއަދު ހެނދުނު ގާތްގަނޑަކަށް 09:30 ހާއިރު ވަނީ ގެންގޮސްދީފައެވެ. މި މީހާ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފައި ވަނީ ބަނޑުގައި ރިއްސާ ކުއްލި ހާލަތުގައި ސިއްޙީ އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުންނެވެ." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖެ ކައިރިން ދަތުރު ކުރާ އާގުބޯޓުތަކުން ބަލި މީހުން ރާއްޖޭގެ ހޮސްޕިޓަލްތަކަށް ގެނެސްދިނުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޯސްޓްގާޑުން ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު