ރާއްޖޭގެ ފިލްމީތަރިއެއް ކަމަށްވާ ފައުޒިއްޔާ ހަސަން އާއި އިތުރު އަންހެނެއް ކަމަށްވާ މަރިޔަމް ރަޝީދާ އިންޑިއާގެ ސައިންސްވެރިޔަކާއި ގުޅިގެން ޕާކިސްތާނަށް ޖާސޫސީ މައުލޫމާތުތަކެއް ފޯރުކޮށްދިން ކަމަށް ބުނާ ހާދިސާއަށް ލިޔެފައިވާ ފޮތެއް އިންޑިއާގައި ނެރެފިއެވެ.

"އެންޓެ ޕޮލިސް ޖީވިތަމް" ނަމަކަށް ކިޔާ އެ ފޮތް ލިޔެފައި ވަނީ ސެންކުމާރު ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ބުނީ އެހާދިސާގެ ހަޤީޤަތް އަދިވެސް އޮތީ ސިއްރުވެފައި ކަމަށެވެ.

ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް ބުނެ ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާ އާއި އިންޑިއާގެ ސައިންސްވެރިއެއް ކަމަށްވާ ނަބްމީ ނަރަޔާނަން ހައްޔަރުކޮށްފައި ވަނީ 1994 ގަ އެވެ. ކެރަލާ ޖަލެއްގައި އެ މީހުން ތިން އަހަރު ވަންދެން ބަންދުކޮށްފައި ބޭތިއްބިއެވެ. ޖަލުގައި އެމީހުންނަށް އިންޑިއާ ސިފައިން ވަރަށް ބޮޑަށް އަނިޔާ ވެސް ކުރިއެވެ.

އެމައްސަލައިގައި ސައިންސްވެރިޔާ ނަބްމީ އަށް ބަދަލެއްގެ ގޮތުގައި ފަސް މިލިއަން ރުޕީސް (އެއް މިލިއަން ރުފިޔާ) ދޭން އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވެއެވެ. އެއީ ހަޤީޤަތެއް ނެތް ކަމެއްގައި އޭނާ ހައްޔަރުކޮށް އަބުރަށް ގެއްލުން ދިން ކަން ސާބިތުވުމުންނެވެ.

މިހާދިސާއަށް ފޮތް ލިޔުނު ލިޔުންތެރިޔާ ވަނީ އޭނާގެ ފޮތުގައި އިންޑިއާގެ ފުލުހުންނާއި ސިފައިން މިހާދިސާގައި އަމަލު ކުރި ގޮތް ދިފާޢު ކޮށްފައެވެ. ފޮތުގައި އޭނާ ބުނީ ސައިންސްވެރިޔާ އިންޑިއާގެ ސިއްރުތައް ލީކް ކުރިކަމަށް ނުބުނާ ކަމަށާއި ނަމަވެސް ފައުޒިއްޔާ އާއި މަރިޔަމް މާގިނައިން އިންޑިއާގެ ފުލުހުންނާއި ސައިންސްވެރިޔާ އާއި އެކު ބައްދަލުވުންތައް ބޭއްވީ ކީއްވެކަން ސާފުނުވާ ކަމަށެވެ.

ފައުޒިއްޔާ އާއި މަރިޔަމްގެ މައްސަލައިގައި އިންޑިއާ އިން ހިންގި ތަޙްޤީޤު އޮތީ މުޅިން އޮޅުވާލާފައި ކަން އިންޑިއާގެ ފުލުހުންގެ ތަޙްޤީޤަކުން ފަހުން ހާމަވެފައިވެސް ވެއެވެ.

"އައިއެސްއާރުއޯ މައްސަލަ ބެލި އެޖެންޓުންނާއި އިސް ވެރިން ހިމެނޭ ގޮތަށް އައިބީގެ އޮފިޝަލުން އަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށެވެ. އޭގެ ސަބަބުން އެއްވެސް ކުށެއް ނެތް ހަ މީހަކު ހައްޔަރުކޮށް، އެ މީހުންނަށް ނަފުސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ." އިންޑިއާގެ ސީބީއައި އިން ފަހުން ކުރި ތަޙްޤީޤަށް ފަހު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިކުރާމު

    ދެންރާއްޖެއިންވެސް ފޮތެއްނެރެބަލަ އިންޑިޔާއަކީ ރާއްޖޭގެ ރަށެއްކަމައްވާ މަލިކުފޭރިގަނެގެންއުޅޭ ބައެއްކަމައް އަދިސަލާމަތީ ބާރުތަކަކީ މަގުމައްޗައް ކުޑަކަމުދާ ގެރިޔައް އަޑުކަންކުރާ މުސްލިމުންނައް ދުއްޕާންކޮއް ރޭޕުކުރުން ހައްދުފަހަނަ އަޅާފަވާ ގައުމެއްކަމައް

  2. އަހަުމަދު

    އިންޑިޔާގެ ރޯ ގެ އެޖެންޓުން ދިވެހިންނާކީ ޕާކިސްތާނަށް ޖާސޫސް ކޮށްދޭ ބަޔެއްކަން ދައްކާ އަދި ދިވެހިންގެ ބޮލުގައި ނުބައި ތުހުމަތު އެޅުވުމަށް ހިންގި ޖަރީމާ އެއް އެއީ ... އެތައް އަހަރެއް ވަންދެން ދިވެހި ދެއަންހެނުންނަށް ދިން އަނިޔާ ކޮބާ ބަދަލު ކޮބާ އެބުނާ އިންސާނީ ހައްގު ކޮބާ ރާއްޖެގައި މަސައްކަތް ކުރާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން މިހަރުވެސް އެ ދެ އަންހެނުން ދިރި ދުނިޔޭގައި އެބަތިބި އެމީހުންގެ ދިފާޢުގައި ބަހެއް ބުނެލި ޖަމުއިއްޔާއެއް އެބަ އޮތްތަ އަދިވެސް އެބަލަނީ އެމީހުން ކުރީ ކުށެއްކަން ދައްކަން ކުރާ ކަންކަން މިކަމަށް ޚަރަދު ކުރާނީވެސް ސީދާ އިންޑިޔާ ސަރުކަރުން އެމީހުންނަކީ ނުބައި ބަޔެއް އެމީހުންނަށް ހަލާކު ހުރި އަދި އެކަން ދައްކަވާނެ