ނިމިގެން ދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދިވެހިންނަށް ހިއްސާކުރުމުގެ ކުރިން އީސީގެ ބައެއް މެމްބަރުންނަށް ވަޅިން ބިރުދައްކައި އަދި ފައިސާ ވެސް ހުށަ އެޅި ކަމަށް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވެފައިވަނީ ވަޅިން ބިރުދެއްކުމާއި ލާރި ހުށައެޅުމުގެ އިތުރުން ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރުމާ ހަމައަށް އީސީގެ މެމްބަރުން ކޮޓަރިއެއް ތެރޭގައި ހަތަރު ދުވަހު ތިބެން ޖެހެނު ކަމަށެވެ.

ރާއްޖެ ޓީވީ އިން ގެނެސްދިން "ފަލަސުރުޚީ" ޕްރޮގްރާމް ގަައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވެފައިވަނީ އެ ދުވަސްތަކުގެ ތެރޭގައި އީސީގެ ބައެއް މުވައްޒަފުން "ހައިޖެކްކޮށްގެން" އެކި ދިމަދިމާލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އަކްރަމް ވަނީ އިންތިޚާބަށް ފަހު ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަގުތީ ގޮތަކަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިބި ސަބަބުވެސް ހާމަކޮށްފައެވެ.

އީސީގައި ވޯޓު ކަރުދާސް ބަލަހައްޓަމުން ދިޔައިރު ހަތަރު ދުވަސް ވަންދެން ކަރުދާސް ބަލަހައްޓަން މެމްބަރުން ކޮޓަރިއެއްގައި ތިއްބެވެ. އަދި ފުލުހުން ވެސް އިމާރާތުގައި ފޯރި މަރަމުން ދިޔަ ކަމަށާއި ފުލުހުން އެއިމާރާތުގެ ތިން ކޮޓަރިއަކަށް އެބޭފުޅުން ހޯދަން އެކި ފަހަރު މަތިން ވަން ކަމަށް އަކްރަމް ވިދާޅުވިއެވެ.

ބައެއް މުވައްޒަފުންނަށް ގުޅައިގެން ބިރުދައްކުމުގެ އިތުރުން ވަޅިން ވެސް ނަތީޖާ ބަދަލު ކުރަން ބައެއް ފަރާތްތަކުން މަސައްކަތް ކޮއްފައިވާއިރު ބައެއް ފަރާތް ތަކުން ބޮޑެތި އަދަދުނަ ފައިސާވެސް ހުށައެޅިކަމަށް އަކްރަމް ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނުގެނެސް ރައްޔިތުންނާ ހަމައަށް ނަތީޖާ އައިސްފައިވަނީ އީސީގެ ހުރިހާ މެމްބަރުން ސާބިތުކަންމަތީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ތިބުމުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިންތިހާބަށް ފަހު އީސީގެ މެމްބަރުން ލަންކާއަށް ފުރާފައިވަނީ ސަލަމަތީ ސަބަބުތަކަށްޓަކައި ކަމަށް އީސީގެ ރައީސް، ޝަރީފް ވިދާޅުވިއެވެ. އެހެން ނަމަވެސް ޝަރީފް ހުއްނެވީ ރާއްޖޭގައެވެ.

ރިޔާސީ އިންތިޚާބުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެ ވަޑައިގަތުމުން އެމަނިކުފާނު ވަނީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށައަޅާފައެވެ. ނަމަވެސް ކޯޓުން ވަނީ ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ނިންމައި ހުކުމްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހދޖ

    ތިޔަ ވާހަކަ ދައްކަން އަދި އަވަސް.

  2. Anonymous

    އަސްލުވެސް؟

  3. Anonymous

    ނަމަ ނަމަ ދޮގެއް ހެދެއް އޮތިއްޔާ ތެދެއް ނުބުނާތި

  4. ކޮރަޕްޓް

    ތަހުގީގަށް އަދި ސްޕްރީމްކޯޓުން ސުވާލު ކޮއްފާނެތީ ފިލީ

  5. ކޮބާހީވޭތަ

    2013 ގައިވެސް ހަމަ ތިވަރު ނުވިޔަސް ވަރަށް ގާތްކުރި.
    އެކަމަށް ހެކިދޭނެ އޭރުގެ މެންބަރުން!
    ރާއްޖޭގައި އިލެކްސަންކޮމިސަން ގެ މެންބަރުކަން ކުރާކަށް ނުވާނެ

  6. ބަރުގޮނު

    ވިދާޅުވިއިރުވެސް ތަންކޮޅެއް ތަފްޞީލް ކޮށްލެއްވިނަމަ.... ވަޅި ދައްކާނީވެސް ކޮންމެވެސް މީހެއް ނުވަތަ ބަޔަކުތާ. ލާރި ހުށަހަޅާނީވެސް ކޮންމެވެސް މީހަކު ނޫނީ ބަޔަކު.. ޢަދަދެއްވެސް ބުނާނެތާ...

  7. ޝަބްނަމް

    ބޮޑުކަނޑަނީ. ކާކު ކަލޭމެންނަށް ވަޅިން ބިރުދައްކާނީ؟

  8. ވވވ

    ތިވަރަށް ތީގަ ބައްދާކޮޓަރިއަށްލުން އެއީ ބާޠިލުކުރަންޖެހޭ ސަބަބެއް. ކަލޭމެން ކަރުދާސްތައް ބަދަލުކުރީ

  9. ފފފފ

    އަކްރަމްގެ ތި ބަހަކީ ދޮގެއް ކަމުގައިވަނީނަމަ، ދިވެހި ގައުމަށްވީ ހިޔާނާތެއް. ﷲ ތައާލާ އަކްރަމްގެ ތި ބަހުގެ ތެދު ދޮގު ދެނެވޮޑިގެންވޭ. ގައުމަށް ގައްދާރުވާ މީހުންނަކީ، ނުބައިބައެއް.