ރަމަޟާން މަސް ދެބައި ވެފައި ވާއިރު، މާރުކޭޓުން ވިއްކާ ތަކެތީގެ އަގުތަކަށް ބަލާއިރު، ގިނަ ތަކެތީގެ އަގުތައް ވަނީ އެއް ވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް ރޯ ކަދުރުގެ އަގު ބޮޑުވެފައި، ލިބުން ވެސް ދަށްޗެވެ. ރޯ ކަދުރު ލިބެން ހުރި ގޮޅިތައް ވަރަށް މަދެވެ. ރޯ ކަދުރު ކިލޯއެއް 400 ރުފިޔާ އަށް ލިބެން ހުރި އިރު، މި ކަދުރުގެ ޑިމާންޑް ބޮޑުކަމަށް ގިނަ ވިޔަފާރިވެރިން މަޢުލޫމާތު ދެއްވައެވެ.

"ރޯދަ މަސް ފެށުނު އިރު ކަދުރު ކިލޯއެއް 150 ރުފިޔާ އާއި 200 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައިވެސް ލިބެން ހުރި. ނަމަވެސް މިހާރު އާއްމުކޯށް މިހުރީ ކިލޯއެއް 400 ރުފިޔާ އަށް. ރޯ ކަދުރު ލިބުންވެސް ދަތިވީމަ އަގަށް ބަދަލު އެ އައީ. ކަދުރުގެ ވިޔަފާރި ރަނގަޅު." ވިޔަފާރި ވެރިއަކު މަޢުލޫމާތު ދިނެވެ.

ބާޒާރުގައި އުޅޭ އެހެން ތަކެތީގެ އަގުތަކަށްބަލާއިރު، ކަނޑޫދޫ މިރުސް ކިލޯއެއް 600 ރުފިޔާ އަށް، ފަރުމަސް ކިލޯއެއް 45 ރުފިޔާ އަށް، ބޭރު މިރުސް ކިލޯއެއް 150 ރުފިޔާއަށް، ލިނބޯ ކިލޯއެއް 40 ރުފިޔާ އަށް، ކަރާ ކިލޯއެއް 20 ރުފިޔާ އަށް، ކޮޕީފަތް ބޮނޑިއެއް 10 ރުފިޔާ އަށް، ކުއްޅަވަށް ފިލާފަތް ބޮނޑިއެއް 15 ރުފިޔާ އަށް، ކުރުނބާ އެއް 20 ރުފިޔާ އަށް، ރޯމަސް ކިލޯއެއް 30 ރުފިޔާ އަށް، ވަޅޯމަސް ކިލޯއެއް 80 ރުފިޔާ އަށް ލިބެން އެބަ ހުއްޓެވެ.

މި އަގުތަކަކީ ރޯދަ މަސް ފެށުނު އިރު ހުރި އަގުތަކާއި އަޅާބަލާއިރު، ހެޔޮ އަގުތަކެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު