މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ އަސްކަރީ ތަމްރީން "އެކްސަސައިޒް ރަންނަމާރި ހަންޓް-2019" އަންނަ ހަފްތާގައި ފަށާނެ ކަމަށް ޑިފެންސް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ މިތަމްރީނުތައް މި ހިނގާ ޖޫން މަހުގެ 23 އިން 27 އަށް، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ އޭރިއާއިން މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި، ކ. ތިލަފުށި ސަރަޙައްދުގައެވެ. އަދި ނޮދަން އޭރިއާއިން ޅ. އަދި ރ. އަތޮޅުގައެވެ.

މި ތަމްރީނުގައި ހަރަކާތްތެރި ވާއިރު، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި އެއްގަމާއި ކަނޑުގައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އަދި މާލެ އާއި ހުޅުމާލޭގައި އާރމަޑް ވެހިކަލް، ބޭނުންކުރާނެ ކަމަށް ޑިފެންސް މިނިސްޓްރީ އިން ވިދާޅުވިއެވެ.

ސިފައިންގެ އެންމެ ބޮޑު ތަމްރީނު ފަށަން ތައްޔާރުވެފައި ވާއިރު ފާއިތުވި ދެމަހެއްހާ ދުވަސް ތެރޭގައި ވެސް ސިފައިންނާއި ފުލުހުން ވަނީ ގުޅިގެން ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި އޭގެ ކުރިން އިންޑިއާ ސިފައިންނާއި ގުޅިގެން ވެސް ދިވެހި ސިފައިން ތަމްރީނުތަކެއް މިއަހަރު ކުރިއަށް ގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު