މިދިޔަ މެއި މަހު ޖެންޑާ މިނިސްޓްރީއަށް ރޭޕްގެ ތިން މައްސަލައެއް ހުށަހެޅިފައިވާކަން ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރެފައިވާ މެއި މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ މަހުގައި އެ މިނިސްޓްރީއަށް ޖުމުލަ 212 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

އޭގެ ތެރޭގައި، ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 3 މައްސަލަ އާއި ޢާއިލީ 21 މައްސަލަ އާއި، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 8 މައްސަލަ އާއި ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 10 މައްސަލަ އާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 42 މައްސަލަ ހުށަހަޅާފައިވެއެވެ.

ޖެންޑާ މިނިސްޓްރީގެ އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 42 މައްސަލައިގެ ތެރެއިން ނަފްސާނީ އަނިޔާކުރުން 8 މައްސަލަ އާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 5 މައްސަލަ އާއި އިހުމާލުވުމުގެ 4 މައްސަލައެއްގެ އިތުރުން، ރޭޕްކުރުމުގެ 3 މައްސަލަ ހިމެނެއެވެ.

އަދި ޖިންސީ ހާނީއްކަކުރުމުގެ 2 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 2މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 2 މައްސަލަ އަދި ބާރާއި ނުފޫޒުފޯރުވުމުގެ 1 މައްސަލަވެސް ހިމެނޭކަމަށް އެ ތަފާސު ހިސާބުތަކުގައި ވެއެވެ.

މިިދިޔަ މެއި މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު އިތުރު މައްސަލަތަކަށް ބަލާއިރު، ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ މައްސަލަތަކުގެ ތެެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލައަދި އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ 1 މައްސަލަ ހިމެނެއެވެ. އަދި ޢާއިލީ މައްސަލަތައް ކުދިންނާ ބައްދަލުނުކުރެވޭ 16 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 4 މައްސަލައާއި ދަރިންގެޚަރަދު ދިނުމުގައި ދިމާވާ 1 މައްސަލަ ހިމެނެއެވެ.

އަދި އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 8 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށްވަނީ ހުށަހެޅުނުއިރު، އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކުރުމުގެ 2 މައްސަލަ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ 1 މައްސަލައެވެ. އަދި ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 10 މައްސަލަ އެ މިނިސްޓްރީއަށް ހުށަހެޅުނުއިރު، އޭގެ ތެރޭގައި ހިމެނެނީ ގެއިން ނުކުމެގެން ދިޔުމުގެ 5 މައްސަލަ އާއި ސްކޫލަށް ދާން ބޭނުންނުވުމުގެ 2 މައްސަލަ އެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއިއެހީތެރިކަން ބޭނުންވެގެން 15 މައްސަލަ މިދިޔަ މަހު ހުށަހެޅުނުއިރު، އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 12 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 3 މައްސަލަ ކަމަށް އެ ތަފާސް ހިސާބުތަކުގައި ވެއެވެ.

އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 2 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައި ވެއެވެ.

މިދިޔަ މެއި މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނާއި ގުޅޭ މައްސަލަތެކެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 111 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މިއީ މެއި މަހު އެ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ 52 އިންސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    މީއެއްވެސްކަމަކާ މިނިސްޓަރު އަޅާލިތަ ނާޅާނެ އެނގޭނަމަތާ އަޅާލާނީ ބޮޑުއަނގައެއް އޮވޭ އެހެންމީހުންގެ ވާހަކަދައްކަން އަދާލަތުނަމުގަ ކުރީސަފައްއަރާހުރެގެން މީހުންގެނުބައި ވާހަކަ ދެއްކުމާ ދޮގުހެދުމާ މަކަރާހީލަތުން ފުރިގެންހުރެ ބިޑުމުސާރަ ޖީބަށްލުން ފިޔަވައި ކުރާއެއްކަމެއްނެތޭ ކީއްކުރާ މިނިސްޓްރީ އެއްތަ ތިކަހަލަ މިނިސްޓްރީތައް އަވަހަށް ނައްތާލަންވެއްޖެ މިހާރު ރައްޔިތުންގެ ފައިސާނަގައިގެން ރައްޔިތުންނަށް އަނިޔާ ތިޔަކުރަނީ އެއީ އިންސާނީގޮތުންނާ / ނަފްސާނީގޮތުން / އިލްމާއި ހިލްމުން / ތަބީޢީގޮތުންނާ ހުނަރުގެގޮތުން ހަނދާން ކުރާތި ބޭއިންސާފުން ތިޔަކުރާ ހުރިހާކަމެއްގެ ހިތިރަހަ ފިސާރި ހިތިކޮށް ދައްކަވާނެ ﷲގެ އިރާދަފުޅުން އަނިޔާ ވެރިންކުރާއަނިޔާތަކުން އެވޭން ތަހައްމަލްކުރާ ނިކަމެތިންގެ ދުޢާތަކާ ކުރިމަތިލާން ތައްޔާރަށް ހުންނާތި މަޢައްސަލާމަރ