ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދު އިންޒާރު މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދީފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ހުދު އިންޒާރު ނެރެފައި ވަނީ މިރޭ ފަތިހު 05:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާ ކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ކަނޑުތަށް އުތުރާއި މެދުތެރޭގައި ގަދަވާނެ އަދި ދެކުނގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

މިރެ އާއި މާދަމާ ވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނު އަލީ

    ގުދުރަތީ ގޮތުން މިދުވަސް ކޮޅު ދިމާވާ ކަންތަކާ މެދު ވަރައް ވިސްނަން