އދ.މާމިގިއްޔަށް މިރޭ އައި ކޮޅިގަނޑެއްގައި 54 މޭލަށް ވައި ގަދަވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މީގެ ދެގަޑިއެއްހާއިރު ކުރިން މާމިގިއްޔަށް އައި ކޮޅިގަނޑުގައި ވައި ގަދަވުމުގެ ސަބަބުން ބަނދަރުގައި އޮތް ތިން ޑިންގީއެއް އަޑިއަށް ގޮސްފައިވެއެވެ. އަޑިއަށް ދިޔަ ޑިންގީތައް ފެން މައްޗަށް ނެގުމުގެ މަސައްކަތް ފުލުހުންނާއި އާއްމުން ގުޅިގެން ދަނީ ކުރަމުންނެވެ.

ކޮޅިގަނޑުގައި މާމިގިލީގެ ބައެއް ގަސްތައް ވެއްޓި އިތުރު ގެއްލުންތައް ވެސް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މާމިގިއްޔަށް މިރޭ 22:00 ހާއިރު 54 މޭލަށް ވައި ޖެހުނު ކަމަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިރޭ މުޅި ރާއްޖެ އަށް ވެސް ވައި ގަދަ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާ ކޮށްފައެވެ.

ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާ ކޮށްފައެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު