ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގެ ދަށުން، ތިންވަނަ ފިޔަވަހީގެ ދަށުން 27 ބިމެއް ވިއްކުމަށް ހުޅުވާލައިފިއެވެ.

އަކަފޫޓެއް 2000 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާފަންނުގެ 15 ބިމާއި މައްޗަންގޯޅި ގެ ދެ ބިމާއި ގަލޮޅުގެ ފަސް ބިމާއި ހެންވޭރުގެ ފަސް ބިމެކެވެ.

އަދި އެ ބިންތަކާއި ބިންތަކުގެ ބޮޑުމިން އެނގޭނެ ލިސްޓް އާންމުކޮށްފައިވާއިރު، ބިންތައް ގަތުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް އެފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

އޭގެ އިތުރުން ވެށިފަހީގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުން، ހައުސިން މިނިސްޓްރީން ވަނީ ފުރަތަމަ ފިޔަވަހީގެ ދަށުން 37 ބިން އަދި ދެވަނަ ފިޔަވަހީގެ ދަށުން 66 ބިން ވިއްކަން އިއުލާނުކޮށްފައެވެ.

އަދި ތިން ވަނަ ފިޔަވަހީގެ ދަށުން އިއުލާނުކުރި 27 ބިންތައް ގަތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އެޕްރީލް މަހުގެ 19 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައެވެ.