ފާއިތުވެގެން ދިޔަ ފަސް އަހަރުގައި ދިވެހި މަސްވެރިންނަށް އެދެވޭ ނަތީޖާއެއް ނުލިބުނީ ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ގޮތް ދޫ ނުކުރެއްވުމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތާރިގް (ޓޮމް) ފާޑު ވިދާޅުވެއްޖެއެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މަޖިލީހަށް ހުށަހެޅުއްވި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި "ކަންނެލި ޖަގަހަތައް" ގާއިމުކުރަން ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ތާރިގް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުން ލިބޭ ނަފާއިން ލައްކައެއްހާ މީހުން ދިރިއުޅެމުން އަންނައިރު، މަސްވެރިކަން ކުރުމަށް 15،000-25،000 ދިވެހިން އެކި ކަންކޮޅުތަކުން ނުކުންނަ ކަމަށެވެ.

ތާރިގް ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ހުރި ދަތިތައް ހައްލު ނުވުމުގެ ޒިންމާ ޝައިނީ ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާއި މިނިސްޓަރާ ދެމެދު "ޖާއިޒު ނޫން" ގުޅުންތަކެއް އޮންނަ ކަމަށް ވަރަށް ގިނަ މަސްވެރިން ދެކޭ ކަމަށް ތާރިގް ކުރިން ވިދާޅުވިއެވެ.

ބޮޑު ކަންނެލި ކުރާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިވަނީ މަސް ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކުން އޭރުގައި ހުރި ފިޝަރީޒް މިނިސްޓަރާ ގުޅުން އޮތް ކުންފުނިތަކުން މަސް އެކްސްޕޯޓް ކުރުމާއި ބޯޓުތަކުން ލޭނު އަޅައި ލޭނު އަޅާ ބޯޓުތަކުގެ މަސްތައް ހަމައެކަނި އެ ކުންފުނިތަކަށް ކިރުމުގެ ނަތީޖާއަކަށް ވަނީ އާންމު މަސްވެރިން ތިބެން ޖެހެނީ ކިއޫގައި ދެ ދުވަސް ތިން ދުވަސް ވަންދެން ކަމަށް ތާރިގް ވިދާޅުވިއެވެ.

ތާރިގް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގއ. ކޫއްޑޫ އާއި ޅ. ފެލިވަރުގައި ހުންނަ މަސް ފެކްޓަރީތައް ތަރައްގީކުރުމަށް އެތައް ފައިސާއެއް ހަރަދު ކުރަން ޖެހުނު ކަމަށާއި މިފްކޯ ވެފައި އޮތީ ދައުލަތުން ހަރަދު ކުރަން ޖެހޭ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

އެމްޑީޕީން ހުށަހެޅި ގަރާރުތަކަށް ފާޑު ވިދާޅުވެ ތާރިގް ވަނީ މަޖިލިހުން ފެންނަނީ މިހާރު އޮތް ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ތަން ކަމަށް ވިދާޅުވެފައެވެ.