ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު ބާއްވަން ތާވާލުކޮށްފިއެވެ.

އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުވެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:30ގައެވެ.

މި އަޑުއެހުމަށް ރައީސް ޔާމީންއަށް މިއަދު ވަނީ ޗިޓް ފޮނުވާފައެވެ.

ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް އޮގަސްޓް ހަތަރެއްވާ އާދީއްތަ ދުވަހު ބޭއްވުމަށް ކުރިންވެސް ވަނީ އަންގާފައެވެ. އަންނަ އާދީއްތަ ދުވަހު އޮންނާނީ ދައުލަތުން ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

ޔާމީންއާ ދެކޮލަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި، ނައިބު ރައީސް އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީނާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މިހާރުގެ ރައީސް މުއްވިޒް ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ އިތުރުންވެސް ބައެއް އިތުރު ބައެއް ހެކިން ހިމެނެއެވެ.

ކިތާބީގެ ހެކީގެ ގޮތުގައި، އެސްކްރޯ އެއްބަސްވުމާއި،ޔާމީން ފުލުހުންގެ އިތުރުން އޭސީސީއަށް ދީފައިވާ ބަޔާން ހިމެނެއެވެ. އަދި ޔާމީންގެ އަހަރީ ބަޔާނާއި، އެކައުންޓު ސްޓޭޓްމަންޓުތައް ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރި އެސްއޯއެފް އިން ޔާމީންގެ ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު