ރާއްޖެއާއި ސީޝެލްސްއާ ދެމެދު ކުރިއަށް ގެންދަވަން ހަމަޖެހިފައިވާ ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.

ސީޝެލްސްގެ ރައީސްގެ ދަޢުވަތަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ސީޝެލްސްއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މި ބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ، ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ރަސްމީ އޮފީހުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެކި ދާއިރާތަކުން ރާއްޖެއާއި ސީޝެލްސްއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން ކަމަށެވެ.

އެގޮތުން ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންނާއި، އިންޑިޔާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭގޮތުންނާއި،ކަނޑުމަތީގައި ހިނގާ ފޭރުމާ އެނޫންވެސް އެފަދަ ޤާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމުގައި އެހީތެރިކަން ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކަންކަމާ އަދި ނޫ އިޤްތިޞާދެއް ބިނާކުރުމުގައި އެއްޤައުމު އަނެއްޤައުމަށް އެއްބާރުލުން އިތުރުކުރުމާބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ސާލިހު ވަނީީ ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދެ ޤައުމުގެ އެތުލީޓުން ބައިވެރިވެފައިވާކަމާއި އަދި ދެން މި މުބާރާތް އޮންނަ ޤައުމަކަށް ރާއްޖެ ހަމަޖެހިގެން ދިޔަކަން ފާހަގަކުރައްވާފައެވެ. އަދި މިކަން ރާއްޖެއަށް ކާމިޔާބުކުރުމުގައި ސީޝެލްސްގެ ސަރުކާރުން ދެއްވި އެއްބާރުލުމަށްޓަކައި ސީޝެލްސް ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި ބާއްވާ ކުޅިވަރު މުބާރާތުގައި ސީޝެލްސްއިން ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ސީޝެލްސްއާ އެކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމަކީ ކުރިޔަށްއޮތް އައިއޯއައިޖީއަށް ރާއްޖެ ތައްޔާރުވުމަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ސީޝެލްސްގެ ރައީސްގެ ވާހަކަފުޅުގައި ރައީސް ސާލިހު ސީޝެލްސްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

ރަސްމީ ވާހަކަފުޅުތައް ނިންމަވާލައްވަމުން ދެ ލީޑަރުންވެސް ވަނީ ދެ ޤައުމުގެ އެކުވެރިކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރައްވާނެކަން ތަކުރާރުކުރައްވާފައެވެ.