ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ޙިދުމަތްދޭ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނީގެ އެޑްވައިޒަރަކަށް ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފިއެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޤިބްލަ ޢުމްރާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދްރީސް ވިދާޅުވީ ޑރ ޝަހީމް ކުންފުނީގެ އެޑްވައިޒަރަކަށް ހަމަޖެއްސީ ޑރ ޝަހީމްއަކީ ޙައްޖާއި ޢުމްރާގެ ކަންކަމުގެ ޢިލްމާއި ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވުމުން ކަމަށާއި ކުރިއަށް އޮތްތަނުގައި ކުންފުނީގެ ފަރާތުން ޢުމްރާވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށް ޑރ ޝަހީމްގެ އިރުޝާދާއި ލަފާ ލިބިގެންދާނެ ކަމަށެވެ.

"ޑރ ޝަހީމްއަކީ ޙައްޖާއި ޢުމްރާގެ ކަންކަމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ތަޖުރިބާތަކެއް ލިބިފައިވާ ފަރާތެއް. އަޅުގަނޑު ޔަޤީންކަންދެން ޑރ ޝަހީމްގެ އިރުޝާދުގެ ދަށުން މިކުންފުންޏަކީ ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ޢުމްރާގެ ޚިދުމަތްދޭ ކުންފުނި ކަމުގައި ވެގެންދާނެ ކަމަށް" ޔާމިން ވިދާޅުވިއެވެ.

ޝަހީމަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް ހުންނެވި ބޭފުޅެކެވެ. އޭގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ކަންވެސް ޝަހީމް ކުރެއްވިއިރު، އެމަނިކުފާނަކީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން އެންމެ ފުންނާބު އުސް އެއް ބޭފުޅާއެވެ. ހަމައެހެންމެ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންގ މޭޓުކަން ކުރެއްވީވެސް އެބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ތަޢާވުނުގެ މަގުން ކުރެވޭ ކަންތައްތަކުގެ ތެރޭގައި ޙައްޖުގެ އަޅުކަމަށް އަހުލުވެރިކުރުވުމާ، އަދި ޢުމުރާގެ އަޅުކަމަށް އަހުލުވެރި ކުރުވުން ހިމެނޭއިރު، މިރާއްޖޭގައި މިކަންކަން ފުރިހަމައަށް ބަރާބަރަށް ކުރިއަރުވައި ތަރައްޤީ ކުރެވޭނީ، ވިޔަފާރީގެ އުޞޫލުން ހިންގޭ ގަނެވިއްކުމުގެ މުޢާމަލާތެއްގެ ގޮތުގައި އެކަންޏެއްނޫނެވެ.