ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި ޢީދުގެ ތަޙުނިޔާ ވިދާޅުވެ ޢީދު ސަލާން ކުރައްވަން ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކުރައްވައި ޢީދު ސަލާން ކުރައްވައިފިއެވެ.

އެމަނިކުފާނު ޢީދު ސަލާން ކުރައްވާފައިވަނީ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި ޢީދު ނަމާދުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އިސްލާމީ މަރުކަޒުގައެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ކުރި ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އެކި އުމުރުފުރައިގެ ބޭފުޅުންނާއި އިސްރަށްވެހިން ރައީސުލްޖުމްހޫރިއްޔާއަށް ޢީދުގެ ތަޙުނިޔާ ވިދާޅުވެ ޢީދު ސަލާން ކުރެއްވިއެވެ. މިއީދު ސަލާމް ކުރެއްވުމުގައި ރައީސްގެ ނައިބުވެސް ވަނީ އެބޭފުޅުންނާއި ސަލާމް ކުރައްވާފައެވެ.

މިއަދު މުޅި އިސްލާމީ އުއްމަތް ފާހަގަ ކުރަމުންދާ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސް ވަނީ ދިވެހި ރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް އަޟުޙާ ޢީދުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ދިވެހި ޙައްޖާޖީންނަށް ވެސް ރައީސް ވަނީ ޢީދުގެ ތަޙުނިޔާ ވިދާޅުވެ ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    އެކުއްޖާ އެ އުޅެނީ މީނަގެކިބައިން ސަލާމަތް ނުވެވިގެންނެވެ.

  2. މާލެ

    ކުޑަކުދންވެސް ބިރުގައްނާނެ ކިނބޫދެކި