މަތީ ތައުލީމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބިލިއަނެއްހާ ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މުނައްވަރު ރޭ ވިދާޅުވީ ސަރުކާރުން މަތީ ތައުލީމު ފޯރުކޮށްދިނުމަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ނަމަވެސް އެކަންކަމަށް ހަރަދު ކުރެވޭނީ ވަކި ވަރަކަށް ކަމަށެވެ. އަދި އިތުރަށް އެފަދަ ފުރުސަތުތައް ފަހިިކޮށްދީ ހަރަދު ކުރުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި 2011 ވަނަ އަހަރު ސްޓޫޑެންޓް ޑިވެލޮޕްމަންޓް ލޯނުގެ ނަމުގައި ސްކީމެއް ތައާރަފުކުރި ކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ އެ ފަންޑުގައި މިހާރު ވެސް އެއް ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ތަރައްގީ ވެފައިވާ ގައުމުތަކުން ވެސް މަތީތައުލީމަށް ކުރާ ހަރަދު ނިސްބަތުން ކުޑަކުރަން މަސައްކަތް ކުރާ ކަމަށާއި މާލީ ގޮތުން ދެމެހެއްޓެނިވި ގޮތަކަށް ތައުލީމީ ނިޒާމް ބަދަލުކުރުން ރަނގަޅުކަން ދިރާސާތަކުން ވެސް ދައްކާ ކަމަށެވެ. އަދި ވޯލްޑް ބޭންކުގެ އެހީގައި މަތީ ތައުލީމާ ގުޅޭ މާސްޓަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި އެ މާސްޓާ ޕްލޭންގައި ރާއްޖޭގެ މަތީ ތައުލީމު އޮތް ހާލަތާއި އެކަމަށް ބޭނުންވާ މިންވަރު ފާހަގަ ކޮށްފައިވާނެ ކަމަށް މިނިސްޓަރ މުނައްވަރު ވިދާޅުވި އެވެ.

"ގައުމީ ފެންވަރެއްގައި މަތީ ތައުލީމް ހާސިލް ކުރުމަށްޓަކައި ވޯލްޑް ބޭންކްގެ އެހީގައި މިހާރު ވަނީ މާސްޓަ ޕްލޭނެއް އެކުލަވާލެވިފައި. އޭގައި ރާއްޖެ އޮތް ހާލަތާއި ރާއްޖެ ބޭނުންވާ މިންވަރަކީ ކޮބައިކަން. އަދި އެ ކަމުގައި އަޅުގަނޑަށް ފެންނަ ބައެއް ހިޔާލުތައް ހިއްސާކޮށްލާނަން. އެންމެ ފުރަތަމަ ސެކަންޑްރީ ސްޓަޑީ ނިޒާމް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަލުން ބައްޓަން ކުރަންޖެހޭ މިއަށް ވުރެ ސަސްޓެއިނަބްލް ފައިނޭންޝަލް މޮޑެލްއަކަށް. މިއީ ހަމަ އަޅުގަނޑުމެންގެ ދިރާސާތަކުން ފެންނަ ގޮތް." ދަރުބާރުގޭގައި ބޭއްވި ހަފުލާގައި މުނައްވަރު ވިދާޅުވި އެވެ.

މީގެ އިތުރުން ރޭ މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހަދާ ދިރާސާތައް ބޭރުގެ ފަރާތްތަކަށް ވިއްކައިގެން އެކަމުގެ ނަފާ ހޯދިދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޓޫރިޒަމްގެ ދާއިރާގައި ރާއްޖެ އިން "ކޮމްޕެރިޓިވް އެޑްވާންޓޭޖް" ހޯދާފައިވާ ކަމަށާއި ނަމަވެސް ދިވެހިން އެދާއިރާ އިން ކޮށްފައިވާ ދިރާސާތައް ވަރަށް މަދު ކަމަށެވެ. އަދި ބޭރު ގައުމުތަކުން ދިވެހިން ކައިރިން ފަތުރުވެރިކަން ދަސްކުރަން ބޭނުންވާ ކަމަށާއި އެހެންކަމުން އެ ދިރާސާތައް ބޭރުގެ ފަރާތްތަކަށް ވިއްކޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"ގައުމީ ޔުނިވާސިޓީ އިން އަޅުގަނޑު ދެކޭހިތްވަނީ ރިޗާސް ކުރުމަށް ޓަކައި ބަޖެޓުގައި ވަކި ޕަސެންޓޭޖެއް. ސަރުކާރުން އެކަންޏެއް އެކަމަށް ފައިސާއެއް ނުދެވޭނެ. އެހެންނަމަވެސް އެންޓަޕްރަނާޝިޕްގެ ވިސްނުން ވިސްނައިފި ކަމުގައިވާ ނަމަ އަޅުގަނޑުމެންނަށް ފެނިގެން ދަނީ ޔުނިވާސިޓީ ވެސް ތިކުދިންގެ ވިސްނުމާ އެކު އަދި ޔުނިވާސިޓީގެ އިސް ބޭފުޅުންގެ އެހީއާ އެކު އަޅުގަނޑުމެންނަށް ބިސްނަސް ސޮލިއުޝަންތަކެއް ހޯދޭނެ ކަމަށް،" މުނައްވަރު ވިދާޅުވި އެވެ.

އެފަދަ ދިރާސާތައް ކުރުމަށްޓަކައި ގައުމީ ޔުނިވާސިޓީގެ ޓުއަރިޒަމް ފެކަލްޓީތައް ލާމަރުކަޒީކޮށް އެތަނަށް ވަކިން އިތުރަށް ބަޖެޓު ހޯދޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދުސުލައިމާނު

    ބިލިއަން ޙަރަދު ކުރިއަސް ވާ ފައިދާއެއް ނެތް. ކިޔަވަން ރާއްޖެއިން ބޭރަށް ގޮސް ސިޓިޒަން ޝިޕް ހޯދައިގެން ގޮސް ވަޒަންވެރި ވަނީ. ލޯނެއް ދައްކަނީއެއް ނޫން. ޙިދްމަތެއް ކުރަނީއެއްނޫން. ރާއްޖެއަށް ފއިދާއެއްނުވޭ. ޢެހެން މީހުންގެ ފުރުސަތު ނަގާލަނީ.