އައްޑޫ ސިޓީ އުތުރު ދާއިރާގެ ޒުވާނުން ތަކެއްގެ އިސްނެގުމުގެ މަތިން "އުތުރު ސައުފު" މި ނަމުގައި އުތުރު ދާއިރާ ސާފުކުރުމުގެ ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

"އުތުރު ސައުފު" މި ނަމުގައި ކުރިއަށް ގެންދާ މި އިވެންޓް އޮންނާނީ މިމަހުގެ 17 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން 8:00 އަށެވެ. މި އިވެންޓްގައި ހިތަދޫގެ ކްލަބް ޖަމްއިއްޔާތަކާއި ސްކޫލް މަދަރުސާތަކާއި އަދި ޢާންމުންގެ ބައިވެރިވުން ލިބޭނެކަމަށް އިވެންޓް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ.

އުތުރު އަވަށުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މިއިވެންޓުގައި ސާފުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލްގެ ވަށައިގެން އޮތް މަގުތަކާއި ކުރިމަތީ އޮތް ޕާކް ސަރަޙައްދެވެ.

މިހަރަކާތަށް މިހާތަނަށް ވެސްް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް "އުތުރު ސައުފު" ސްޓިއަރިންގ ކޮމިޓީގައި ޙަރަކާތްތެރިވާ އުތުރު ދާއިރާއިން ޑަބްލިއު. ޑީ. ސީ އަށް ހޮވުނު އަދި މިހާރު އެ ކޮމެޓީގެ ރައީސާ އައިޝަތު ނަދާ ވިދާޅުވިއެވެ. ނަދާގެ އިތުރުން މިޓީމުގައި އެކި ދާއިރާ ތަކުން ފުންނާބު އުސް ތަޖުރިބާ ކާރުންގެ 20 ބޭފުޅަކު ޙަރަކާތްތެރިވެއެވެ.

މިއީ އުތުރު އަވަށުގެ މަގުތަކާއި ޕާކު އަދި ހޭޅިިފަށް ފަދަ ތަންތަން ވިނަ ނޮޅައި ސާފުކޮށް އެތަަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަޤްޞަދުގައި އުތުރުގެ ޒުވާނުން ކުރިއަށް ގެންދާ ޙަރަކާތެކެވެ. ހޮނިހިރު ދުވަހު އޮންނަ މި ޙަރަކާތުގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަކީ އުތުރުގެ ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ.

"އުތުރު ސައުފު" ޙަރަކާތުގެ ދަށުން ދުނިޔޭގެ ސާފުކުރުމުގެ ދުވަހަށްވެސް ގިދަ ޙަރަކާތްތަކެއް ދަނީ ރާވަމުންނެވެ. ސެޕްޓެމްބަރ 21 ގައި ބާއްވާ އެ ޙަރަކާތުގައި ގަސް އިންދުމުގެ ޕްރޮގްރާމެއްގެ އިތުރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އަދި ދާއިރާގެ ހުރިހާ ސަރަޙައްދުތަކެއް އެއްފަހަރާ ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ކުރިއަށް ދާނެއެވެ.

އުތުރު ދާއިރާގެ ޒުވާނުން ވަނީ މިދިޔަ އަޟްހާ ޢީދު ދުވަހު ވެސް ޙަރަކާތެއް ހިންގާފައެވެ. އައްޑޫ ސިޓީގައި ކުރިއަށް ދިޔަ ޢީދު ސަމާގެ ދަށުން އުތުރު ޒުވާނުން ބޭއްވި ޢީދު ސައި ހަފްލާ އޮތީ ހިތަދޫ ސްކޫލް ހޯލުގައެވެ. ޢީދު ނަމާދުން ނިމިގެން ޢާއިލާތަކުގެ ކުދި ބޮޑު އެންމެން ސައިބޮއެ ޢާއިލީ ފޮޓޯ ނަގައި ސަލާމް ކުރުން މިޙަރަކާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު