ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރާ ގޮތަށް، އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މަނަދޫ ދާއިރުގެ މެންބަރު އަހްމަދު ހާރޫނެވެ.

އެންސްޕާ މިހާރު ހިންގަމުން ގެންދަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.

އިސްލާހު ބަލައި ގަތުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ އިސްލާހުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި އޭނާ ބުނެފައިވަނީ އެންސްޕާގެ ކަންކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާ އިޖްތިމާއީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރުން ކަމަށެވެ.

އެގޮތުން އޭނާގެ ބިލުގައި ބުނެފައިވަނީ އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައި ހިމެނޭ "މިނިސްޓަރު" މި ލަފްޒު އިޖްތިމާއީ ހިދުމަތްތައް ފޯރުކޮއްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރު ކަމަށެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ އިސްލާހު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ހާރޫން ހުށަހެޅުއްވި ބިލުގައި ބުނެފައިވެއެވެ. މި ބިލު މަޖިލީހުން ބަލައިގަތުމާއެކު މިހާރު ވަނީ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ.